ކ.ދޫނިދޫ ކައިރިން ދަތުރު ކުރަމުންދިޔަ މަސް ދޯންޏެއްގައި އަލިފާން ރޯވި ހާދިސާގައި، ފަސް މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ދެންމެ ބުނީ، މި ހާދިސާގައި އަނިޔާވީ، ދެ ދިވެހިންނާއި، ތިން ބިދޭސީއަކަށް ކަމަށެވެ.

ކުރުނބާ މޯލްޑިވްސްގެ އުޅަނދެއްގައި، މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ފަރުވާ ދިނުމަށްޓަކައި މާލެ ގެނައުމުގެ މަސައްކަތް  ކުރަމުންދާ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.

ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 14:54 އެހައިކަންހާއިރު ކަމަށާއި، މިކަން ހިނގި ވަގުތު އެ ދޯނީގައި 15 މީހުން ތިބި ކަމަށެވެ.

ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައިވާއިރު، ހާދިސާ ހިނގި ސަބަބު، ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.