ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުހައްމަދު ލަޠީފް، އެޗް.ޑީ ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލް މެޗާއި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ހުލުމާލޭގެ ރެހެންދި ފުޓްސަލް ދަނޑުގައި، މި ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ، ހދ. ނައިވާދޫ އާއި ގއ. ދެއްވަދޫއާ ދެމެދު ރޭ ކުޅުނު ފައިނަލް މެޗަށް ފަހުގައެވެ.
މެޗު ފެށުމުގެ ކުރިން، ނައިބު ރައީސް ވަނީ، ދެ ޓީމުގެ ކުޅުންތެރިންނާ ސަލާމް ކުރައްވާފައެވެ.
9 ލަނޑު 3 ލަނޑުގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް، އެޗްޑީ ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026ގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހދ ނައިވާދޫއެވެ.
އެ ޓީމަށް، ވާދައިގެ ތައްޓާއި، މެޑަލް އަދި ފައިސާގެ އިނާމު ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.
އެމަނިކުފާނު ވަނީ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ތާޖުވެސް ހަވާލުކޮށްދެއްވާފައެވެ.
މީގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި ވަނީ، މުބާރާތަށް އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކޮށް، އެކި ގޮތްގޮތުން ފާހަގަކުރެވުނު ކުޅުންތެރިންނާއި ޓީމްތަކަށް ޓްރޮފީ ހަވާލުކުރައްވާފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ، ކުޅިވަރުގެ ތެރެއިން އެއްބައިވަންތަކަށް އުފެއްދުމުގެ މަގްސަދުގައި 2016 ވަނަ އަހަރު، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ބައިވެރިވެވޭގޮތަށް، ހުޅުވާލައިގެން ފެށި ފުޓްސަލް މުބާރާތެކެވެ.

