ޕިކަޕެއްގެ ދަށުގައި އޮވެ، ޕިކަޕުގެ މަސައްކަތެއް ކުރަމުން ދަނިކޮށް، އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެއެވެ.
މި ހާދިސާގެ މައުލޫމާތު ދެމުން ފުލުހުން ބުނީ، ހުޅުމާލެ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ މަސައްކަތެއް ކުރުމަށް ޕިކަޕް ދަށުގައި އޮތް މީހެއްގެ ގައި މައްޗަށް އެ އުޅަނދު ވެއްޓިފައިވާ ކަމުގެ މައުލޫމާތު އިއްޔެ 11:05 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެމީހާ ނިޔާވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. މި ހާދިސާގައި ނިޔާވީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޕިކަޕެއްގެ ދަށުވެ، އުމުރުން ދުވަސްވީ މީހަކު ނިޔާވިއިރު، މިދިޔަ އަހަރުގެ ފަހުކޮޅުގައި، ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާއެއްގައި، ބިދޭސީއަކާއި، ދިވެހި ފިރިހެނަކު ވެސް ނިޔާވެފައިވެއެވެ.

