މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭޝިއަނުން ބުނީ، މީގެ ސަބަބުން ދަތުރުފަތުރުގެ ލުއި ފަސޭހަކަމާއި އައު ފުރުސަތުތަކެއް އެ އަތޮޅަށް ލިބިގެންދާނެ ކަމަށެވެ. މިއީ ގުޅުންތައް ބަދަހިކޮށް، ހިދުމަތްތައް ރައްޔިތުންނާ ގާތަށް ގެނުވާނެ ކަމެއް ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
އާރްޓީއެލް ފެރީގެ ހިދުމަތަކީ ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ކުރިއަށްގެންދާ ’އިންޓަރގްރޭޓެޑް ނެޝެނަލް ޕަބްލިކް ފެރީ ނެޓްވޯރކް’ގެ ހިދުމަތެކެވެ.
މި ހިދުމަތަށް ފެރީ ބަނުމަށް އިންޑިއާއިން 100 މިލިޔަން ރުފިޔާގެ ހިލޭ އެހީއެއް ދީފައިވާކަމަށް މިދިޔަ ނޮވެމްބަރު މަހު ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.
މާދަމާ ފ އަދި ދ އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށަން ހަމަޖެހިފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، ރ. އުނގޫފާރާއި ދުވާފަރާ ދެމެދު ހާއްސަ ފެރީގެ ހިދުމަތް މި މަހުގެ ފަސް ވަނަ ދުވަހު ވަނީ ފަށައިފައެވެ.
މިއީ މި ދެ ރަށުގެ އިޖުތިމާއީ އަދި އިގްތިސާދީ ގުޅުން ބަދަހިކުރުމަށް ރައީސް ނިންމެވި މުހިންމު ނިންމެވުމެކެވެ. މި ހިދުމަތުގެ ދަށުން ކޮންމެ ދުވަހަކު އުނގޫފާރާއި ދުވާފަރާ ދެމެދު ތިން ދަތުރު ކުރަމުންދެއެވެ.

