ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ތާރިގު ރަޙްމާން އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުވުން އޮތީ ބޮޑުވަޒީރުގެ މަގާމުގެ ހުވާކުރެއްވުމާއި އައު ސަރުކާރު ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތަށް ފަހުއެވެ.
މިބައްދަލުވުމުގައި، ރައީސް ވަނީ ބަންގްލަދޭޝްގައި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވި، 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތާރިގު ރަޙްމާން އާއި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައެވެ.
އަދި، ދެ ގައުމުގެ ބަދަހި ގުޅުމާއި ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ބޮޑުވަޒީރުގެ ވާހަކަފުޅުގައި، މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި ރައީސްއަށް ޝުކުރު ދެންނެވިއެވެ.
އަދި، ދެ ގައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމާއި، ސިއްހީ، ތިމާވެށި، މަތީ ތައުލީމް އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
މިއީ ރައީސް ބަންގްލަދޭޝަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ދިވެހިރާއްޖެއާއި ބަންގްލަދޭޝް އާއި ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 22 ސެޕްޓެންބަރު 1978 ގައެވެ.

