ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް ރީ-ރަޖިސްޓަރވުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފިއެވެ.

މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއެކުގައެއެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ފާސްކުރި ގާނޫނު އަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވަނީ ނިންމަވާފައެވެ.

އާންމުގެ ހިޔާލު ހޯދުމުގެ އާންމު އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަނުން ކުރިއަށް ގެންދާއިރު، ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު  އެކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.

އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދު ހެދުނު ދިހަ އަކުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ މެންދުރު ފަހު ތިނަކާ ހަމަޔަށް ކަމަށެވެ.

އެ ކޮމިޝަކުން ރީ-ރަޖިސްޓްރީވުމަށް ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ، ’ރީ-ރަޖިސްޓްރޭޝަން ޕޯޓަލް‘ (form.elections.gov.mv) ނުވަތަ ’މައި ޕޯޓަލް‘ (my.elections.gov.mv) މެދުވެރިކޮށް އޮންލައިން ކޮށް ކަމަށްވެސް އެކޮމިޝަނުން ބުނެފައިވެއެވެ.

ރީ-ރަޖިސްޓްރޭޝަން ޕޯޓަލް‘ މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ހުށަހަޅާ މީހާގެ ލައިވް ފޮޓޯ ހުށަހަޅަން ޖެހޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.

އަދި ’މައި ޕޯޓަލް‘ މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި  އެމީހެއްގެ ވެރިފައިޑް އީފާސް އެކައުންޓުންނެވެ.

މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.