ރަމަޟާން މަހުގައި، ހަމައެކަނި ނަމާދުކޮށް ޤުރުއާން ކިޔެވުމުން ޒިންމާ އަދާ ކުރެވުނީއެއް ނޫން ކަމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ އަންހެނުންގެ ގޮފީގެ މާހެފުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމުހޫރިއްޔާގެ އަނބިކަބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވީ އާންމުކޮށް އަޅުކަން ކުރަންވާ ވަރަށް ވުރެ އަޅުކަމަށް އިސްކަންދޭންވާނެ ކަމަށާއި، ނަމަވެސް ދުނިޔެއާއި އާޚިރަތަށް އެއްވަރު ކުރުމަށް މަސައްކަތް ކުރަންވާނެ ކަމަށެވެ.
މެޑަމް ވިދާޅުވީ ހަމައެކަނި ނަމާދުކޮށްފަ ގުރުއާން ކިޔެވުމުން އަޅުގަނޑުމެންގެ ޒިންމާ އަދާކުރެވުނީ ނޫންކަމަށެވެ. އަޅުގަނޑުމެންނާ ހަވާލުވެފައިވާ ޒިންމާއަކީ ނަމާދުކޮށް ގުރުއާން ކިއެވުމަށްފަހު އަޅުގަނޑުމެންނާ ހަވާލުވެފައިވާ ކަންތައްތައް ރަނގަޅަށް ކުރުން ކަމަށް މެޑަމް ފާހަގަކުރެއްވިއެވެ.
މެޑަމް ވީދާޅުވީ ފަހު ދިހައެއްގައި އޮފީހަށް ނުގޮސް ސަލާމް ބުނާކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް ތިބޭއިރު، ރޭއަޅުކަން ކުރުމަށްފަހުވެސް ހަވާލުވެފައިވާ ޒިންމާއަކުން ބަރީއަނުވެވޭނެކަމަށެވެ.
އަޅުގަނޑުމެން މަސައްކަތް ކުރަންވީ އަޅުގަނޑުމެން އަޅުގަނޑުމެންނާ ހަވާލުވެފައިވާ ކަންތައްތައް އެންމެ ރަނގަޅަށް އަދާކުރަންކަމަށެވެ.
މީގެ އިތުރުންވެސް މެޑަމް ވިދާޅުވީ އިންތިޚާބެއްގެ ތެރޭގައި މިފަދަ މާތް މައްސަރަކާއި ކުރިމަތިލާފައިވާއިރު، އެކަކު އަނެކަކަށް ބަދުބަސްބުނެ ފުރައްސާރަކުރުމުން ރައްކާތެރިވާންޖެހޭނެކަމަށާއި، އަދަބު އިހުތިރާމާއިއެކު މުއާމަލާތު ކުރުމަކީވެސް އަޅުކަމެއްކަމަށް މެޑަމް ފާހަގަކުރައްވާފައިވެއެވެ.
މެޑަމް ސާޖިދާ ވިދާޅުވީ މިއަދު އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވާނީ އަދަބު އަޚުލާގު ރަނގަޅު އެހެންމީހުންނަށް އިހުތިރާމް ކުރާ ބަޔަކަށްވުމަށެވެ.

