ހުޅުމާލެ ވަން އެވެނިއުގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތަނުގައި ދިރިއުޅުނު ފަސް މީހަކަށް ވަގުތީ ބޯހިޔާވަހިކަން  ހަމަޖައްސައިދީފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ ވަން އެވެނިއުގެ ހަތް ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ބަދިގޭގައި ރޭގެ ވަގުތެއްގައެވެ. އެ ހާދިސާގައި އެ އެޕާޓްމަންޓްގެ ބަދިގެވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެމީހުންނަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ތިން ދުވަހުގެ މުއްދަތަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިހާރު ވަނީ ހަމަޖައްސައި ދީފައެވެ.

އެ ހާދިސާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލު ހޯދުމުގެ މަސައްކަތް އެންޑީއެމްއޭއިން މިހާރު ދަނީ ކުރަމުންނެވެ.