ދީނީ އިލްމުވެރިޔާ މުފްތީ މެންކް، ހުކުރު ދުވަހުގެ ރޭ، ވެރިރަށް މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވެވި ދަރުސް އަޑުއެއްސެވުމަށްފަހުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މިއުޒިކް ޝޯ ބައްލަވަން ވަޑައިގެންނެވުމުން ބައެއް ފަރާތްތަކުން އެކަމަށް ފާޑު ކިޔައިފިއެވެ.

Ads by Asuru

މުފްތީ މެންކުގެ ދަރުހަށް ފަހުގައި، ރޭ ހުޅުމާލޭގައި، އަމިއްލަ ފަރާތަކާއި ޔޫތު މިނިސްޓްރީ ގުޅިގެން ބޭއްވި ޝޯ ބެއްލެވުމަށްވެސް ރައީސް އާއި ފަސްޓްލޭޑީ ފަޒްނާ އަހުމަދު ވަޑައިގެންނެވިއެވެ.

މިކަމާ ގުޅިގެން، ސޯޝަލް މީޑިއާގައި ހިޔާލުފާޅުުކުރި ބައެއް މީހުން ބުނީ ރައީސްގެ ދެކަނބަލުން އެކުރެއްވީ ”ހެޔޮ ކަމަކަށް ފަހުގައި ނުބައި ކަމެއް“ ކަމުގައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ރައީސް ސޯލިހުގެ ދެކަނބަލުންނަށް ތެދު މަގު ދެއްކެވުން އެދި، ދުއާވެސް ކޮށްފައެވެ.

ރޭ ހުޅުމާލޭގައި ބޭއްވި ޗަނާޗާ ޝޯގައި ”މަނިކޭ މަގޭ ހިތޭ“ މި ލަަވަ ކިޔާފައިވާ، ސްރީލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީގެ އިތުރުން، ރާއްޖޭގެ 9 ބޭންޑަކުން ބައިވެރިވިއެވެ. އޭގެތެރޭގައި ޓްރެފިކް ޖޭމް، ފަސީ ލައިވް، ސިންބޮލިކް ރިކޯޑްސް، އަދި އިކުއެޓިކް ވައިބްވެސް ހިމެނެއެވެ.

މިއުޒިކާ ގުޅޭގޮތުން މުފްތީ މެންކު މީގެ ކުރިން ވިދާޅުވެފައިވަނީ، މިއުޒިކް ހުއްދަ ކަމާމެދު ގިނަ ދީނީ އިލްމުވެރިންގެ މެދުގައި ބަހުސެއް އޮންނަ ކަމަށެވެ.

ނަމަވެސް ލޮޖިކަލް ވިސްނުމަކުން ބަލާއިރު، މިއުޒިކަކީ ”ހުތުރު“ އެއްޗެއްގެ ގޮތުގައި ޣައިރު މުސްލިމުންގެ ތެރެއިންވެސް ބައެއް މީހުން ދެކޭ ކަަމަށް މެންކު ވިދާޅުވެފައިވެއެވެ.

އެގޮތުން ޣައިރު މުސްލިމުންވެސް، ލަވަ ކިޔުން، ނުވަތަ ލަވަކިޔުމުގެ ދާއިރާ އަކީ ”ޑާޓީ“ ކަމެއްގެ ގޮތުގައި ދެކޭ ކަމަށާއި، ގިނަ މީހުން އެމީހުންގެ ދަރިންނަކީ މަޝްހޫރު ލަވަކިޔުންތެރިންނަށް ވާން ނޭދޭ ކަމަށްވެސް މެންކް ވިދާޅުވިއެވެ.