ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިބްރާހިމް ފަރީދު އަހުމަދުގެ ހަނދާނުގައި ބަނގްލަދޭޝްގައި އެޅި މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މިސްކިތް ހުޅުވައިދެއްވީ ޝެއިހް ފަރީދުގެ ދެ ދަރިކަލުން ކަމަށްވާ އަބްދުﷲ ފަރީދު އަދި އަބްދުއްރަޙްމާން ފަރީދުއެވެ.
ބަންގްލަދޭޝްގައި ހުޅުވި މި މިސްކިތަކީ އެއްފަހަރާ 300 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ.
ޝެއިހް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައިވެސް މިސްކިތެއް ގާއިމު ކުރަންވަނީ ނިންމާފައެވެ.
ޝެެއިހް ފަރީދު މަސައްކަތް ކުރައްވަމުން ގެންދެވި ހިދުމަތް ޖަމިއްޔާއިން އެގޮތުން ހުޅުމާލެ ފޭސް ތިނެއްގައި ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ 2،500 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެކެވެ.
ޝެއިޚް ފަރީދު އަވަހާރަވީ ހިދުމަތް ޖަމިއްޔާގެ މަސައްކަތެއްގައި މެލޭޝިއާއަށް ފައިބައިވަޑައިގެންނެވި ވަގުތު އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލިއަކަށް ވެއްޓުމުން ފަރުވާދެމުން ދަނިކޮށެވެ.

