ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނުގައި، ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އިން ވެރިރަށް މާލޭގެ މައްޗަންގޮޅި މެދު ދާއިރާގައި ”ދޮރުން ދޮރަށް“ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތުގައި ޕީއެންސީގެ ލީޑަރުގެ ހައިސިއއްޔަތުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާއި ސަރުކާރުގެ ވަޒީރުންނާއި، އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި ޕާޓީގެ އިސް ބޭފުޅުންނާއި ޕީއެންސީގެ ކެންޑިޑޭޓުން ވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

”ދޮރުން ދޮރަށް“ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ޕީއެންސީން މިހާރު ކުރަމުންދާ މަސައްކަތަކީ، ރައީސް މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ގައުމު ތަރައްގީ ކުރުމަށް ކައުންސިލުތަކުން ހޯދަންޖެހޭ އެއްބާރުލުން ހޯދުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ސާފު މެޖޯރިޓީއެއް ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ހއ.ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ ކައުންސިލްތަކުން ރައްޔިތުން އެދޭ ތަރައްގީއަށް ހުރަސް އެޅުމަކީ އަބަދުވެސް ފެންނަ މަންޒަރެއް ކަމަށާއި، މިކަން ހުއްޓުވުމަށް ޕީއެންސީއަށް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ދޭން ޖެހޭ ކަމަށެވެ.

މި މަހުގެ19 ވަނަ ދުވަހުގައި ވެސް ޕީއެންސީން ވަނީ މާލޭގައި ”ދޮރުން ދޮރަށް“ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

ޕީއެންސީއަށް ތާއީދު ހޯދުމަށް މާފަންނު ހުޅަނގު ދާއިރާގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ރައީސްގެ އަރިހުގައި ދައުލަތުގެ ވަޒީރުންގެ އިތުރުން ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ އެޕާޓީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވެސް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.