ސަރުކާރާއެކު މަސައްކަތްކުރާނީ ނިޒާމީ އިންސާފުވެރި ބޯހިޔާވަހިކަމެއް އެންމެނަށް ފޯރުވައިދެވޭކަން ކަށަވަރުކުރުމަށް ކަމަށް މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ‏އާޝިއަތު އަލައިކާ އަދުނާނު ވިދާޅުވެއްޖެއެވެ.

އަލައިކާ މިހެން ވިދާޅުވީ މި މަހުގެ 19 ވަނަ ދުވަހު ‏މާފަންނު ހުޅަނގު ގޭގެއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއެކު ކުރިއަށްގެންދެވި ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތާއި ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަލައިކާ ވިދާޅުވީ މާފަންނުގެ ގޭގެއިން އެންމެ ގިނައިން ފާހަގަކުރީ ބޯހިޔާވަހިކަމުގެ މައްސަލަތައް ކަމަށެވެ. އެގޮތުން މުޅި ހައުސިން ނިޒާމުގައި ހުރި ނަހަމަ ކަންކަމުގެ ވާހަކަ އެ ސަރަހައްދުގެ ރައްޔިތުން ހިއްސާކުރިކަން އަލައިކާ ފާހަގަކުރެއްވިއެވެ.

‏”އިރާދަކުރެއްވިއްޔާ ސަރުކާރާއެކު އަޅުގަނޑުމެން މަސައްކަތްކުރާނީ ނިޒާމީ އިންސާފުވެރި ބޯހިޔާވަހިކަމެއް އެންމެނަށް ފޯރުވައިދެވޭކަން ކަށަވަރުކުރުމަށް.” އަލައިކާ ވިދާޅުވިއެވެ.

‏ރައީސާއެކު ހިނގި ހިނގުމުގައި ދިމާވި އަދި ރަހުމަތްތެރިކަމާއެކު ހިޔާލު ބަދަލުކޮށް މެހްމާންދާރީ ދެއްވި އެންމެ ރައްޔިތުންނަށް އަލައިކާ ވަނީ ޝުކުރު ދަންނަވާފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރައީސް ވެސް ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ މައްސަލައެކެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތުތައް ތަނަވަސްކޮށްދެއްވުމަަށްޓަކައި މާލެ ސަރަހައްދުގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަންނަނީ ހިންގަމުންނެވެ.