ނިމިދިޔަ ހުކުރު ދުވަހުން ފެށިގެން، ކޮންމެ ހުކުރު ދުވަހެއްގެ ވަކި ގަޑިތަކެއްގައި ތެލަސީމިއާ ސެންޓަރުން ހިދުމަތް ލިބެމުންދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

މިހިނގާ ފެބުރުވަރީ މަހުގެ 20 ވީ ހުކުރު ދުވަހުން ފެށިގެން، ދިވެހިރާއްޖޭގެ ތެލެސީމިއާ ސެންޓަރުގައި، ހުކުރު ދުވަހު ހިދުމަތްދޭން ފެށިފައިވާކަން ފާހަގަކުރައްވައި، މިއަދު އެކްސްގައި ހިއްސާކުރެއްވި މެސެޖެެއްގައި އެމަނިކުފާނު ވަނީ، އެ މަރުކަޒުގެ 31 އަހަރުގެ ދިގު ތާރީހުގައިވެސް، މީގެ ކުރިން، ރަސްމީ ސިފައެއްގައި ހުކުރު ދުވަހު ހިދުމަތް ދީފައިނުވާކަމަށް ވިދާޅުވެފައެވެ.

އެގޮތުން ނިމިދިޔަ ހުކުރު ދުވަހު އެކަނިވެސް، އެ މަރުކަޒުން، 14 މީހަކަށް ލޭ އެޅުމުގެ ހިދުމަތްދީ، 5 މީހަކު ލޭ ހަދިޔާކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ރަމަޟާން މަސް ނިމުމުންވެސް، ހުކުރު ދުވަހުގެ ވަކި ގަޑިތަކެއްގައި އެ މަރުކަޒުގެ ހިދުމަތް ލިބޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި އިސްލާހީ ބަދަލުގެ ސަބަބުން، ހަފުތާ ބަންދުގައި އަތޮޅުތަކުން މާލެ އައިސް ލޭ އަޅަން ބޭނުންވާ ފަރާތްތަކަށާއި ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް، އެ ފުރުސަތު ފަހިވެގެންދާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތެލަސީމިއާ ބައްޔަށް ފަރުވާ ހޯދުމަށް ހުރި ފުރުސަތުތައް އިތުރުކޮށްދެއްވައި، މިހާރު ލިބެންހުރި ހިދުމަތްތައް ހަރުދަނާކުރައްވައި، ލުއި ގޮތްތައް ފަހިކޮށްދެއްވުމަކީ މި ސަރުކާރުގެ އިސް އަހުމިއްޔަތެކެވެ. އެގޮތުން ތެލެސީމިއާ ސެންޓަރުގެ ހިންގުމާއި ހިދުމަތްތައް ހަރުދަނާކުރެއްވުމުގެ މަސައްކަތްތަކަކީ، ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ކުރައްވާ މަސައްކަތްތަކެއްކަމުގައި ވަނީ ހަމަޖައްސަވާފައެވެ.