ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަކީ ރައްޔިތުންގެ ލަފަޔާއި އެއްގޮތައް މަސައްކަތް ކުރައްވާ ސިޔާސަތު އެކުލަވާލާ ބޭފުޅެއް ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުއާއި އެކު ”ދޮރުން ދޮރަށް“ ކުރި ކެމްޕެއިންގެ ތެރެއިން މީޑީއާއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ ރައީސުލްޖުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ލަފަޔާއި އިރުޝާދު ހޯއްދަވައިގެން ރައްޔިތުންނާއި ގާތުން ކަމަށެވެ.
އެމަނިކުފާނު މާލޭ ސިޓީ މޭޔަރ ކަމުގައި ހުންނެވި އިރުވެސް އެ މަނިކުފާނުގެ މަސައްކަތް ކުރެއްވީ އެ ގޮތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ވެރިކަމަށް ވަޑައިގެންވެސް އެމަނިކުފާނު އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަކީ ރާއްޖޭގެ ރަށްތަކަށް ޒިޔާރަތްކުރައްވާ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާ އެ ޚިޔާލާއި މަޝްވަރާތަކުގެ މައްޗަށް އެމަނިކުފާނުގެ ސިޔާސަތު ބައްޓަންކުރެއްވުންކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
އަދި ރައްޔިތުންގެ އަޑުއައްސަވައިގެން ނޫނީ ރައްޔިތުންގެ މުހުތާދުތައް ފުއްދައިނުދެވޭނެކަން އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ނާޒިމް ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި މިހާރުވެސް މާލެ ސިޓީން ކައުންސިލުން އެކުރައްވަނީ ރައީސް ޑރ މުއިއްޒު މޭޔަރަކަށް ހުންނެވިއުރުގައި އެކުލަވާލި ސިޔާސަތު މަސައްކަތްތައް ކަމަށާއި، އަދި މިއަދު ފެންނަމުންދަނީ މިހާރުގެ ސިޓީ ކައުންސިލްގެ މޭޔަރ އެކަންތައްތަކަށް އިއުމާލުވެ އެކަންތައްތައް ނުކުރެވި އޮތް މަންޒަރު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި މިސްރާބެއް އަމާޒެއް ނެތް ސިޔާސަތެއްގައި ތަރައްގީއެއް ނުގެނެވޭނެ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވި މިއަދުގެ މޭޔަރ ކުރައްވާ ފަރާތްތަކުގައި އެއްވެސް ސިޔާސަތެއް ނެތް ކަމަށެވެ.
އަދި މީގެ ނަތީޖާއަކަށްވެގެންދަނީ ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރުގެ ސިޔާސަތުތައް މިހާރުވެސް ތަންފީޒުވެގެން ދިއުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒުގެ މާލެއަށް ތަސައްވަރެއް އެބައޮތް ކަމަށާއި، އެގޮތުން މާލޭގެ މަގުތަކަށް ހައްލު ހޯދައިދިނުމާއި، ޕާކިންއަށް ހައްލުހޯދައި ދިނުމާއި، ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދިނުމުގެ އިތުރުން މާލެ އަށް ދިމާވެފައިވާ ބޭރުމީހުންގެ މައްސަލައާއި މަސްތުވާ ތަކެތީގެ މައްސަލަތަށް ފަދަ ކަންތައްތަކަށް ހައްލު ހޯދައިދިނުމަށް ގާނޫނީ އިމުގެ ތެރެއިން ގެންނަންޖެހޭ ހައްލުތައް ގެނެސް ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ރައީސްގެ ސިޔާސަތުގެ ތެރެއިން މާލޭގެ ބޭރު މަގު ފުޅާކޮށް ތަރައްގީކޮށް މިހާރު ބޭނުން ކުރަމުން އަންނަކަމަށެވެ. ކުރިއާ އަޅާބަލާއިރު މިހާރު މާލޭގެ ބާޒާރު މައްޗަކީ ވަރަށް އަމާން އޮމާން ލުއި ސަރަހައްދަކަށްވެފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި މީގެ އިތުރުން އެމަނިކުފާނުގެ ސިޔާސަތުގެ ދަށުން މާލޭގެ ވަށާ މަގު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަސައްކަތް ތާވަލާއި އެއްގޮތަށް ކުރިއަށްދާނެ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

