މި ދުވަސްވަރު ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން އެކްސްގައި މިއަދު ބުނީ، ޑެންގޫ ހުން ޖައްސާ މަދިރި ހެފުމުން ރައްކާތެރިވެ، މަދިރި އާލާވާ ތަންތަން ނައްތާލައި، ފެން ހަރުލާފައި ހުންނަ ތަކެތި ހަފުތާއަކު އެއްފަހަރު ސާފުކުރަންވާނެ ކަމަށެވެ.

އަދި މި ބަލި ޖެހިއްޖެނަމަ، އަރާމުކޮށް، ގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމުގެ އިތުރުން  އަލާމާތްތައް ގޯސްވާނަމަ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުމަށް އެ އެޖެންސީން އިލްތިމާސްކުރެއެވެ.

ޑެންގީ ހުން ޖެހޭ މީހުންނަށް، އީޑީސް މަދިރި ހަފާތާ ދޭއް ނުވަތަ ހަތް ދުވަސް ތެެރޭގައި ބަލީގެ އަލާމާތްތައް ފެންނާން ފަށައެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ތިރީސްނުވަ ޑިގްރީސެލްސިއަސްއަށްވުރެ މަތިން ހުން އައުމާއި، ގަދަޔަށް ބޮލާއި ގައިގައި ރިއްސުމާއި، ގައިގައި ރަތްބިހި ނަގައި، ހުޅުތަކުގައި ރިއްސުމާއި، ބަނޑުގައި ރިއްސައި ހޮޑުލެވުން ހިމެނެއެވެ.

މި ބަލީގެ ނުރައްކާތެރި އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ބަނޑުގައި ރިއްސުމާއި، އާދަޔާ ހިލާފަށް ވަރު ދެރަވެ، ހަށިގަނޑުގެ އެކި ތަންތަނުން ލޭ އައުން ހިމެނެއެވެ.

ސާފު ފެނުގައި އާލާވާ އީޑީސް މަދިރި ގޭތެރޭގައި އާލާ ނުވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަކީ، ޑެންގީ ހުން ޖެހުމުން ރައްކާތެރިކަން ހޯދުމަށް ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. އެގޮތުން ފެން ހަރުލާ ގޮތަށް ހުންނަ ގަސް މުއްޓާއި ތާންގީ ފަދަ ތަކެތި، މަދިރިއަށް ނުވަދެވޭ ގޮތަށް ބަންދު ކޮށްފައި ބެހެއްޓުން މުހިންމެވެ.

އެޗްޕީއޭއިން ބުނީ، ހުރިހާ ވައްތަރެެއްގެ މަދިރި ވެސް އެންމެ ގިނަ ވަނީ، ހެނދުނާއި ހަވީރުގެ ވަގުތުގައި ކަމަށާއި، އެ ވަގުތުތައް ނޫނަސް، މަދިރިން ރައްކާތެރިވުމަށް ހުރިހާ ވަގުތެއްގައި ވެސް ސަމާލުކަން ދޭންޖެހޭ ކަމުގައެވެ.