ދައުލަތުގެ އަހަރީ ބަޖެޓު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދުވަހަކީ ޑިސެމްބަރު މަހުގެ ދުވަހަކަށް ހެދުމަށް ބޭނުންފުޅުވެލައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗުގައި ޕީއެންސީން ރޭ ބޭއްވި ހާއްސަ ތަރާވީހެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަޖިލީހުގައި އެ މަނިކުފާނުގެ ސިޔާސަތާ ދެކޮޅު ބައެއްގެ މެޖޯރިޓީ ކަމަށެވެ.
ސަރުކާރުން 2024 ވަނަ އަހަރު ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދަން ނިންމައި، 2023 ވަނަ އަހަރު އެ ބަޖެޓް ފާސްކޮށް ދިނުމަށް ހުށަހެޅުމުން، މަޖިލީހުން އެ ފަހަރު ބަޖެޓް ފާސްކޮށްދީފައިވަނީ މަޝްރޫއުތަކަށް ބޭނުންވާ ފައިސާގެ ވަރަށް ބޮޑު ބައެއް އުނިކޮށްފައި ކަމަށަ ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެކަމާހުރެ، ސަބަބުން 2024 ވަނަ އަހަރު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި، އެހެންވެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނެސް ބަޖެޓް ފާސްކުރަން ޖެހޭ ތާރީހަށް ބަދަލުތަކެއް ގެންނަން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ބަދަލު ގެނެވިއްޖެ ނަމަ، ސަރުކާރާއި، މަޖިލިސް މަސައްކަތް ކުރާނީ، އެއް ވިސްނުމެއްގައި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކަމަށެވެ.

