ހދ ނޭކުރެންދޫ ބަނދަރު ބޮޑުކޮށް މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

Ads by Asuru

މިމަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް، ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރު ޝާހިދު ހުސެއިން މޫސާއެވެ.

47.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރާ މި ބަނދަރުގެ މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި 290 މީޓަރު ބްރޭކްވޯޓަރ ޖެހުމާއި 76 މީޓަރުގެ ޗެނަލް ބްރޭކްވޯޓަރ ޖެހުން ހިމެނެއެވެ.

އަދި މީގެ އިތުރުން 166 މީޓަރު ރިވެޓްމެންޓް ޖެހުމާއި 212 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި 19 މަގު ބައްތި ހަރުކުރުމާއި އެކްސެސް ޕްލެޓްފޯމް އެޅުމުގެ އިތުރުން 1859 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުން ހިމެނެއެވެ.