އިރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ހަތަރެއް ނުވަތަ ފަސް ހަފްތާއަށް ދެމިގެން ހިނގައިދާނެ ކުރިން ބެލެވުނަސް، ހަނގުރާމަ ދިގުލައިގެން ހިނގައިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބުނެފިއެވެ.

ހޯމަ ދުވަހު ވައިޓްހައުސްގައި ވާހަކަ ދައްކަމުން ޓްރަމްޕް ބުނެފައިވަނީ، ތެހެރާނުގެ ނިއުކްލިއަރ ބާރާއި، މިސައިލްތައް ނައްތައިލުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އެގޮތުން އިރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމަކީ އެމެރިކާއަށް އޮތް ނުރައްކަލެއް ކަމަށާއި، އެހެން ތަންތަނުގައި ތިބި އެމެރިކާގެ ބާރުތަކަށް ވެސް މިކަމުގެ ނުރައްކާ އެބައޮތް ކަމަށެވެ.

ނިއުކްލިއަރ ހަތިޔާރު އުފައްދާ ކަމަށް އެމެރިކާއިން ކުރާ ތުހުމަތު އިރާނުން ދޮގު ކުރެއެވެ.

އިޒްރޭލާއި އެމެރިކާ ގުޅިގެން އިރާނަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އެ ގައުމުގެ 787 މީހުން ވަނީ މަރާލާފައެވެ.

އިރާނުން ވެސް ދަނީ އިޒްރޭލްގެ ތެލް އަވީވް އަދި ގުދުސްއަށް ވެސް ރައްދުގައި ހަމަލާތައް ދެމުންނެވެ. ރިޕޯޓްތައްް ބުނާގޮތުގައި، ހޮނިހިރު ދުވަހުން ފެށިގެން، މި ހަމަލާތަކުގައި މަރުވެފައި ވަނީ އިޒްރޭލްގެ 10 މީހުންނެވެ.

އިރާނުން ބުނެފައި ވަނީ ހަނގުރާމައާއި ގުޅިގެން، އެ ގައުމުން، އެމެރިކާއާއެކު ކުރާނެ އެއްވެސް މަޝްވަރާއެއް ނެތް ކަމަށާއި، ދިގު މުއްދަތަކަށް ހަނގުރާމަ ދަންމާލުމަށް ވެސް އިރާނުން ތައްޔާރު ކަމަށެވެ.

އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްގެ ޖެނެރަލް އިބްރާހީމް ޖަައްބާރީ ވިދާޅުވީ، އެމެރިކާއާއި އިޒްރޭލުން އެ ގައުމަށް ހަމަލާ ދިނުން ނުހުއްޓައިފިނަމަ، މެދުއިރުމަތީގެ އިގްތިސާދީ ހަބުތަކަށް ވެސް ހަމަލާ ދޭނެ ކަމަށެވެ.

ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާއިރު، އިރާނުގެ ސުޕްރީމް ލީޑަރާއި އޭނާގެ އަރިސް ފަރާތްތައް މަރާލުމަކީ ހަނގުރާމަ ދިގުދެމިގެން ހިނގައިދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.