2011 ވަނަ އަހަރުގެ ސެޕްޓެބްމަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ޓްވިން ޓަވަރަށް ދިން ހަމަލާއަށް ފަހު، އޭރު އެ ގައުމުގެ ރައީސްއަކަށް ހުރި ޖޯޖް ޑަބްލިޔު ބުޝް އިސްވެ ހުރެ، ގައުމުތަކަށް ބޮން އެޅުމުގެ ސިލްސިލާއެއް ވަނީ ފަށައިފައެވެ. އެކި އުޒުރުތައް ދައްކައިގެން ފެށި މިފަދަ ކޮންމެ ހަމަލާތަކެއްގައި ވެސް އާއްމުންގެ އެތައް ބަޔަކު މަރާފައިވެއެވެ.
މިގޮތުން، 2011 ވަނަ އަހަރުން ފެށިގެން، އެކި ވެރިކަންތަކުގައި އެމެރިކާ އިން ވަނީ 10 ގައުމަކަށް ބޮން އަޅައި، އެތައް ލައްކަ ބަޔަކު މަރާލާފައެވެ. އެއީ ބުޝްގެ ވެރިކަމާއި، ބަރަކް އޮބާމާ އާއި، ޑޮނާލްޑް ޓްރަމްޕް، ޖޯ ބައިޑެން، މި ހަތަރު މީހުންގެ ވެރިކަންތަކުގައެވެ.
އެމެރިކާއިން 2011 އިން ފެށިގެން ބޮން އެޅި ގައުމުތައް:
އަފްޣާނިސްތާން (243،000އަށް ވުރެ ގިނަ މީހުން މަރުވި)
އިރާޤް (315،000އަށްވުރެ ގިނަ މީހުން މަރުވި)
ޔަމަން (12000 މީހުން މަރުވި)
ޕާކިސްތާން
ސޯމާލިއާ
ލީބިއާ
ސީރިއާ (269،000 މީހުން މަރުވި)
ވެނެޒުއެލާ
ނައިޖީރިއާ
އިރާން
މި ގައުމުތަކަށް ބޮން އެޅުމަށް އެމެރިކާއިން 5.8 ޓްރިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ.
މިހާރު އެމެރިކާ އާއި އިޒްރޭލުން އިރާނަށް ހަމަލާ ދެނީ ކީއްވެ؟
މިއީ އެންމެ ދުވަހަކުން ފެށި ކަމެއް ނޫނެވެ. އިރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދާ ކަަމަށް އެމެރިކާ އާއި އިޒްރޭލް ތުހުމަތު ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް އެކަން ދޮގުކޮށް އިރާނުން ބުނަނީ، މެދުއިރުމަތީގައި ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ ބަޔަކީ އިޒްރޭލް ކަމަށެވެ.
މަސްރަހު ހޫނުވެ، މިދިޔަ މަހުގެ 28 ގައި ހަނގުރާމަ ފެށުމާ ހަމައަށް އޮމާން މެެދުވެރިވެގެން، އެމެރިކާއާއި އިރާނުން ގެންދިޔައީ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ވާހަަކަތައް ބާއްވަމުންނެވެ.
މި ވާހަކަތަކުގައި ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލާނެ ކަމަށް އިރާނުން އެއްބަސްވި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
އޭގެ ފަހުން ވެސް ޓްރަމްޕް ގެންދިޔައީ އިރާނަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދެމުންނެވެ.
މި އިންޒާރުތައް ދެމުން ދަނިކޮށް، މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު އިޒްރޭލުން ވަނީ އިރާނަށް މިސައިލް ހަމަލާތަކެއް ދީ، ހަނގުރާމަ ފަށައިފައެވެ.
”އޮޕަރޭޝަން އެޕިކް ފިއުރީ“ގެ ނަމުގައި ފެށި މި ހަނގުރާމައިގައި، އިޒްރޭލާ ބައިވެރިވާކަން އެމެރިކާއިން ވެސް ހާމަކުރިއެވެ.

