އަންނަ އަހަރަށް ލަފާކޮށް، 42 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅާފައިވާއިރު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްގައްޔޫމް އެކަމަށް ފާޑުވިދާޅުވެެއްޖެއެވެ.

Ads by Asuru

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް މިފަހަރު ހުށަހަޅާފައި ވަނީ 42.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ.

ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން 42 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިގެން އުޅެނީ ރައްޔިތުން ގުނބޯ ހައްދަން ކަމަށެވެ. އެމަނިކުފާނު ވަނީ، ކަރުދާހުގައި ޖަހާ އަދަދުތަކަކީ ލިބޭނެ އަދަދުތަކެއް ނޫން ކަމަށާއި މި އަހަރުގެ ބަޖެޓާއި ކުރީ އަހަރުތަކުގެ ބަޖެޓުން އެކަން ދައްކާދީފައިވާކަންވެސް ފާހަގަކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ޓެކްސްތަކާޢި ބިމު ކުލިތަކުން ލިބޭ ފައިސާގެ އިތުރުން ދެން ފައިސާ ގިނަ ފަހަރު ހޯދަނީ ބޭރު ގައުމުތަކުން ލޯން ނަގައިގެންނާއި ހިލޭ އެހީގެ ދަށުންނެވެ.

އެހެންނަމަވެސް، މި ސަރުކާރުން ބޭނުންވި ވަރުގެ އެހީއެއް މި އަހަރު ލިބިފައި ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ބިޔަ މަޝްރޫއުތަކެއް ހިންގާ ވާހަކަ ސަރުކާރުން ދެއްކިޔަސް، އެކަން ކުރަން މިހާރު ވަގުތު ނެތް ކަމަށްވެސް ވިދާޅުވެފައެވެ.