މި މަހުގެ ތެރޭގައި އިތުރު 31 ރަށަކަށް އެމްބިއުލާންސް ފޮނުވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނާޒިމް ވިދާޅުވީ އަތޮޅުގެ ހޮސްޕިޓަލްތަކަށާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެމްބިއުލާންސް ފަދަ ވަސީލަތްތައް ހަމަކޮށް ދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.
އެގޮތުން މިދިޔަ މަހުގެ ތެރޭގައި ވެސް 56 ރަށަކަށް އެމްބިއުލާންސް ފޮނުވާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި މަހުގެ ތެރޭގައި ދެ ބުރަކަށް ބަހާލައިގެން އެމްބިއުލާންސް ރަށްރަށަށް ފޮނުވާނެ ކަމަށެވެ.
އަދި އާބާދީ ބޮޑެތި ހިސާބުތަކަށް އަމާޒުކޮށް ޕެރަމެޑިކް އެމްބިއުލާންސްތަކެއް ހޯދަމުން އަންނަ ކަމަށާއި، އެތަކެތި އަންނަ މަހުގެ ތެރޭގައި ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އަންނަ ހަފުތާގައި ސާދަ ރަށަކަށް އެމްބިއުލާސް ފޮނުވާނެ. އަދި މަހުގެ ފަހުކޮޅު އިތުރު ސަތާރަ ރަށަކަށް އަޅުގަނޑުމެން އެމްބިއުލާންސް ފޮނުވާނަން، ނާޒިމް ވިދާޅުވިއެވެ.
ބޮޑެތި އާބާދީތަކަށް ހާއްސަކޮށް ގެންނަ ޕެރަމެޑިކް އެމްބިއުލާންސްތަކެއް އަންނަ މަހު ލިބޭނެކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، އެ އުޅަނދުތަކަށް ދިމާވާ މައްސަލަ އަވަހަށް ހައްލު ކުރުމަށްޓަކައި މަރާމާތުގެ މަސައްކަތްތަކަށް ދިގު މުއްދަތަށް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

