މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ މަސައްކަތްތައް ވިލަރެސްކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ގާއިމުކޮށްފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އިސްވެރިޔާގެ މަގާމަށް މުހައްމަދު އިޝާން މިއަދު އައްޔަންކުރައްވައިފިއެވެ.

މި މަގާމަށް އައްޔަންކުރެއްވުމާ ހަމައަށް އިޝާން ހުންނެވީ އެމްއެމްއޭގެ ހެޑް އޮފް ފައިނޭންސްގެ މަގާމުގައެވެ.

އޭނާ މި މަގާމަށް ހޮވިވަޑައިގަތީ، އެފްއައިޔޫގެ އިސްވެރިޔާގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެމްއެމްއޭގެ މުވައްޒަފުންނަށް ހުޅުވާލުމުން، ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށް ފަހުގައި ކަމަށް އެ ބޭންކުން ބުނެއެވެ.

އިޝާން އަކީ ތަޢުލީމީ ގޮތުން ފާހަގަކޮށްލެވޭ ތަޖުރިބާކާރު ޗާޓާޑް އެކައުންޓަންޓެކެވެ. އޭނާ އަކީ އިނގިރޭސިވިލާތުގެ ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް (ސީއައިއެމްއޭ) ގެ އެސޯސިއޭޓް މެންބަރެކެވެ. އަދި އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްގެ އެފިލިއޭޓް މެންބަރެއްވެސް މެއެވެ.

މީގެ އިތުރުން، 2014 ވަނަ އަހަރު އެމްއެމްއޭއާ ގުޅިވަޑައިގެންނެވި ފަހުން އިޝާން ވަނީ އެ މުއައްސަސާގެ މުހިންމު މަގާމުތަކެއް ފުރުއްވާފައެވެ.

އެންމެ ފަހުން އެފްއައިޔޫގެ ވެރިއަކަށް ހުންނެވީ, އިސްމާއީލް ސާޖިދެވެ. އޭނާ އެ މަގާމުން ވަކި ކުރެއްވީ ޖިންސީ ފުރައްސާރައިގެ މައްސަލަ ސާބިތުވާ ކަމަށް ނިންމައެވެ.