ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހިންގެވި މުހިންމު މަޝްރޫއުތަކާމެދު، ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސައްކަތް ކުރި ކަމަށް މާލެ ސިޓީގެ މޭޔަރު، އަދި ޕީޕީއެމްގެ ނައިބު ރައީސް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ޓީވީ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައިގައެވެ.

ފަންސަވީސް ފަންގިފިލާގެ ދަރުމަވަންތަ ހޮސްޕިޓަލާއި، އެތައްހާސް ބަޔަކަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ހިންގެވި ހިޔާ މަޝްރޫއުއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލަކީ ހޮހަޅައެއްގެ ގޮތުގައި އެމަނިކުފާނު ސިފަ ކުރެއްވިއިރު، ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތައް ލިބުނު މީހުން އެތަންތަނުގައި ނޫޅޭނެ ކަމަށްވެސް ރައީސް ސޯލިހު މީގެ ކުރިން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއު ފެއިލް ކޮށްލުމަށް، މި ސަރުކާރުން މަސައްކަތް ކުރަމުންދިޔަ ކަަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މަޝްރޫއުގެ ފިނިޝިންގެ މަސައްކަތްވެސް ސަރުކާރުން ނިންމާފައި ނުވަނީ، މަޝްރޫއުއާމެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށެވެ.

ހިޔާ ފްލެޓްތައް ރައްޔިތުންނާ ހަވާލު ކުރާނީ ފިނިޝިންގވެސް ނިންމާފައި ކަަމަށް ކުރީ ސަރުކާރުން އޮތީ އެއްބަސްވެ، އެކަމަށް ބޭނުންވާ ލޯނުވެސް ހަމަޖައްސާފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއު ކުރިއަށް ގެންދިޔަ ކުންފުންޏާއެކު ލޯނު ހަމަޖެހިފައި އޮއްވާ މި ސަރުކާރުން އެ ދޫކޮށްލުމުން އެެހެން ދިމާލަކުން ދެން ލޯނު ނުލިބުނު ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

”އެހެންވީމަ، މި ދައްކާ ވާހަކަ އަކީ އެއްގޮތަކަށްވެސް ޒިންމާދާރު ވާހަކައެއް ނޫން. ބޭނުންވީ ރައްޔިތުންގެ ހިތުގަ ނަފްރަތު އުފައްދަން އަސްލު، ރައްޔިތުންގެ ހިތުގަ ނަފްރަތު އުފައްދަން، މަޝްރޫއު ފެއިލް ކޮށްލަން ބޭނުންވީ.“ މޭޔަރު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލަކީ ހޮހަޅައެއްގެ ގޮތުގައި ސިފަ ކުރިއިރު، އެންމެ ރަނގަޅު ހިދުމަތް ދެވެނީވެސް އެތަނުން ކަމަށާއި، ކޮވިޑް-19ގެ ޕެންޑެމިކްގެ ތެރޭގައި އެތަނުގެ މުހިންމުކަން ހާމަވެގެން ދިޔަ ކަަމަށެވެ.