ރާއްޖޭގެ ކޮންމެ ރަށަކަށް ދިޔަސް، ތަރައްގީގެ ކޮންމެވެސް މަޝްރޫއުއެއް ހިނގަމުންދާތަން ފެންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެެއެެވެ.

Ads by Asuru

ޓީވީ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައިގައި މިއުވާން ވަނީ މި ސަރުކާރުން ތަރައްގީ ނުގެންނަ ކަމަށް ބުނެ، ފާޑު ކިޔާ ފަރާތްތަކަށް ރައްދު ދެއްވައިފައެވެ.

އެގޮތުން އޭނާ ވިދާޅުވީ ތަރައްގީގެ ހުރިހާ ކަމަކީ އުމްރާނީ ކަންކަމަށް ނުވެދާނެ ކަމަށާއި ހިލޭ ޑިގްރީ ޕްރޮގްރާމާއި ޓީޗަރުންގެ މުސާރަ ބޮޑުކުރުމާއި އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަކީ ސީދާ އިމާރާތެއްގެ ގޮތަށް ހަމަ ލޮލަށް ނުފެނުނު ނަމަވެސް އެއީ ވެސް ތަރައްގީ ކަމަށެވެ.

މަސައްކަތްތަކެއް ކުރިއަށް ނުދެއެކޭ ނުދެންނެވޭނެ. ތަރައްގީ ނުފެނެއޭ ވިދާޅުވާ ބޭފުޅުން ރަށްރަށަށް ވަޑައިނުގަންނަވާތީވެ އެ މަންޒަރުތައް އެ ބޭފުޅުންނަށް ފެނިވަޑައިނުގަންނަވަނީ.“ މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ރަށްރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަކޮށްދިނުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށާއި ތަރައްގީގެ މަޝްރޫއުއެއް މިހާރު ނުހިނގާ އެއްވެސް ރަށެއް ނޯންނާނެ ކަމަށެވެ.

އަދި ކުރީ ސަރުކާރުގައި ކަންކުރި ގޮތަށް އެއް ޕްރޮޖެކްޓެއް ވަރަށް ގިނަ ޕްރޮޖެކްޓުތަކެއްގެ ގޮތަށް ބަހާލައިގެން ކުރިޔަސް މި ސަރުކާރުން އެކަން އެގޮތަށް ނުކުރާނެ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.