ފޯޅަވައްސަކީ ދިވެހިންގެ ތަނަކަށް ވެއްޖެ ނަމަ، ރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by Asuru

ނަސްރުގެ ދުވަހާ ގުޅުވައިގެން ”ކުރި ޖިހާދު-ކުރަން އޮތް ޖިހާދު“ގެ ނަމުގައި ސަލްޓަން ޕާކްގައި ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވީ ރާއްޖެ އިން އެގޮތަށް ނިންމާފައި ވަނީ އިންޑިއާ އިން ބުނެގެން ކަމަށާއި ދިވެހި ޚާރިޖީ ސިޔާސަތު މިހާރު ނިންމަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީން ކަމަށެވެ.

ޝާހިދަށް މަގާމު ހޯދައި ދިނުމާއި ލޯން ހޯދައި ދިނުމާއި މިކަންތައްތަކުގެ މުގާބިލްގައި ދިވެހި ސަރުކާރުން އިންޑިއާ ބުނި ގޮތަށް ދީލާލައިގެން ރާއްޖޭގެ ޕޮޒިޝަން ބަދަލު ކުރީ ކަމަށާއި، އެ ޕޮޒިޝަން ބަދަލުކޮށްގެން ނުވާނެ ކަމުގައިވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އުމަރު ވިދާޅުވީ ފޯޅަވައްސަށް ނިސްބަތްވާ ތިންހާހެއްހާ މީހުން އިނގިރޭސިވިލާތުގައި ތިބި ކަމަށެވެ.ފޯޅަވަހި މިނިވަންވާ ދުވަހަކުން އެމީހުން އެރަށަށް ދާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވަނީ ޗާގޯސް މިނިވަންވާ ދުވަހު ނުވަތަ މޮރިޝަސްގެ ދަށަށްދާ ދުވަހު ނުވަތަ ރާއްޖޭގެ ދަށަށް އަޔަސް، މި ތިންހާސް މީހުން އަނބުރާ އެ  ރަށަށް އަންނާނެ ކަމަށާއި،  އެ ތިން ހާސް މީހުންނަކީ މުސްލިމުންނެއް ނޫންކަމަށް ވިދާޅުވެފައެވެ.

”މި ތިންހާސް މީހުން އަނބުރާ ފޯޅަވައްސަށް އައިސްފައި ފޯޅަވައްސަކީ އަޅުގަނޑުމެންގެ ގައުމަކަށް ވެއްޖެ ނަމަ، އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށް ވާނެތޯ؟ ނުވާނެ،“ އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އެ ތިންހާސް މީހުންނަށްޓަކައި ރާއްޖޭގައި އޮތް ސައްތައިންސައްތަ މުސްލިމް ގައުމެއްގެ ޓެގް ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.

ޗާގޮސްގެ ރަށްތައް އިނގިރޭސި ވިލާތުން މޮރިޝަސްއާ ހަވާލުކުރަން އދ. އިން ނިންމި ނިންމުމަށް ވޯޓު ދޭނެކަން ރާއްޖެ އިން ހާމަކުރުމުގައި އެއްވެސް ގައުމެއްގެ ނުފޫޒެއް ނޯންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.