އަންނަ އަހަރުގައި ބާއްވާ ރިޔާސީ އިންތިހާބަކީ އަވަށްޓެރި އިންޑިއާ ބަލި ކުރާ އިންތިހާބު ކަަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް ޔާމީން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އިދިކޮޅުގެ ދާއިރާތަކުގެ އިންތިހާބު ކާމިޔާބު ކަމާއެކު މިއަދު ނިންމާލުމަށް ފަހު،އެންމެ ބޮޑު އަމާޒަކަށް ވާނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުން އިންޑިއާ ބަލިކުރުން ކަމަށެވެ.

ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބަކީ، ރިޔާސީ އިންތިހާބުގެ ކުރިން ބާއްވާނެ އެންމެ ބޮޑު އިންތިހާބު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”ހޮވިވަޑައިގަންނަވާ ކެނޑިޑޭޓުން ތި ހަވާލުވެޑައިގަންނަވަނީ ވަރަށް ބޮޑު މަސްއޫލިއްޔަތަކާ. ކުރިމަތީގައި މި އޮތީ 2023ގެ އިންތިހާބު. އެ އިންތިހާބަކީ އިރާދަކުރެއްވިޔާ އަޅުގަނޑުމެން އިންޑިއާ ބަލިކުރާ އިންތިހާބު. އެހެންވީމާ މި ކަމަށް ހުރިހާ ބޭފުޅުން މަސައްކަތް ކޮށްދެއްވަން ވާނެ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ޕީޕީއެމްގެ އެތެރޭގެ ޑިމޮކްރަސީ ނެތް ކަަމަށް ބުނެ، އެމްޑީޕީން ފާޑުކިޔާ ފަރާތްތަކަށް ދެއްވި ރައްދުގައި އިދިކޮޅު ލީޑަރު ވިދާޅުވީ އެމްޑީޕީން ޑިމޮކްރަސީގެ ވާހަކަ ނުދައްކައި، ގޭގައި ތިބުން މާ ރަނގަޅުވާނެ ކަމަށާއި، ދާއިރާތަކުގެ އިންތިހާބުގައި ޕީޕީއެމުން ވޯޓު އެޅީ އުވަ ގަށާ މެޝިނާއި ބާލިދީއަށް ނޫން ކަމަށެވެ.