2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އަބްދުލްގައްޔޫމަށް ވެރިކަން ލިބިވަޑައިގެންފިނަމަ، އައްޑޫ ސިޓީގައި 5،000 ވަޒީފާ އުފައްދަވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފިއެެވެ.

Ads by Asuru

އައްޑޫ ސިޓީ ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ވެރިކަން އަލުން ލިބިިއްޖެނަމަ ފުރަތަމަ ތިން އަހަރުގެ ތެރޭގައި އައްޑޫގައި އެކަނި 5،000 ވަޒީފާ އުފައްދަވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މިއީ އައްޑޫ ރައްޔިތުންނަށް ވެވަޑައިގަންނަވާ ވައުދެއް ކަމަށާއި އެ ވަޒީފާތައް އުފައްދާނީ އިގްތިސާދީ އެކި މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. އަދި މިއީ އައްޑުގައި މިއަދު ޒުވާނުން ބިކަވެފައި ތިބި ތިބުން ނިމުމަކަށް ގެނައުމަށް ކުރާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވެރިކަމުގެ އިތުރު ދައުރެއް ލިބިއްޖެނަމަ އެންމެ ބޮޑު ކަމަކަށް އޮންނާނީ ދަރަނިތައް ފިލުވުން ކަމަށާއި އޭގެފަހުން އެންމެ އިސްކަމަކަށް އޮންނާނީ ޒުވާނުންގެ ހާލަތު ރަނގަޅު ކުރުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން ޒުވާނުންގެ ހާލަތު ރަނގަޅު ކުރަން އެންމެ ބޮޑު ކަމެއްގެ ގޮތުގައި އޮންނާނީ ޒުވާނުންނަށް ވަޒީފާ ހޯދައިދީ އާމްދަނީ ހޯދޭނެ ގޮތެއް އޮތުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

”އޭގެ ނަމްބަރުތަކެއް މިހާރު ހިސާބު ކުރަމުން މިދަނީ. މިހާރު ލަފާކުރާ ގޮތުގައި އުނދަގުލަކަށް ނުވާނެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި 5،000 އުފައްދާނަން.“ ރައީސް ޔާމީން ވިދާޅުވިއެވެ.