ސަރުކާރުން 2021 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ދައްކައި ހަލާސްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 500 މިލިއަން ޑޮލަރާއި އޭގެ ފައިދާގެ ރޭޓަށްވާ 24.68 މިލިއަން ޑޮލަރާ އެކު ޖުމްލަ 524.68 މިލިއަން ޑޮލަރު ސަރުކާރުން މިއަދު ސްކޫކަށް ދައްކާފައިވާ ކަމަށެވެ.
މީގެ ސަބަބުން ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނީގެ މިންވަރު ކުޑަވެގެންދާނެކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރެއެވެ.
މި ފައިސާ ދެއްކުމުގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ބޭނުންކުރި ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ކުރީގެ ސަރުކާރުން މި ސުކޫކު ވިއްކާފައިވަނީ އޭގެ ކުރީގެ ސަރުކާރުން ނަގާފައި 250 މިލިއަން އެމެރިކާ ޑޮލަރުގެ ”ސަނީ ސައިޑް“ ބޮންޑު އަދާކުރުމަށެވެ.

