އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ އިންތިހާބުގައި ށ. ނަރުދޫގެ ހުރިހާ ގޮނޑިއެއް ވެރިކަން ކުރާ ޕީއެންސީން ނަގައިފިއެވެ.

ވަގުތީ ނަތީޖާއިން ދައްކާގޮތުން ނަރުދޫ ކައުންސިލާއި ޑަބްލިއުޑީސީގެ ހުރިހާ ގޮނޑިއެއް ނެގީ ޕީއެންސީންނެވެ. ނަރުދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު މުސްތަރުސިދެވެ. އޭނާއަށް 271 ވޯޓު ލިބިވަޑައިގެންނެވިއިރު، އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު ހުސައިން ސުހައިލަށް ލިބިވަޑައިގެންނެވީ 134 ވޯޓެވެ.

ކައުންސިލް މެމްބަރު ކަމަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު މާހިރެވެ. އޭނާއަށް 235 ވޯޓު ލިބިވަޑައިގެންނެވި އިރު، އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ އަޒުމީ ލިބިވަޑައިގެންނެވީ 235 ވޯޓެވެ.

ކައުންސިލްގެ އަންހެނުންގެ ހާއްސަ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓު އާމިނަތު ޒިރާނާއެވެ. އޭނާއަށް 215 ވޯޓު ލިބިވަޑައިގެންނެވިއެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓު ރީޝާ ޝަފީގު އަށް ލިބިވަޑައިގަތީ 185 ވޯޓެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއަކަށް އިންތިހާބުވެވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު ނަހުމާއެވެ.

އަދި ކޮމިޓީގެ މެމްބަރު ކަމަށް އިންތިހާބުވެވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އިކުލީލާއި ޕީއެންސީގެ ކެންޑިޑޭޓު ފާތިމަތު ރިޝްފާއެވެ.

މީގެ ކުރިން ބޭއްވި ކައުންސިލް އިންތިހާބުގައި އެ ރަށުގެ ގޮނޑިތައް ނެގީ ޖުމްހޫރީ ޕާޓީއިންނެވެ. އެ މެމްބަރުން ފަހުން ގުޅުނީ އެމްޑީޕީއާއެވެ.