މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ސިޓީތަކުން އިދިކޮޅު ކެންޑިޑޭޓުން ހޮވައި، ސަރުކާރަށް ދިނީ ކަންކަން ރަނގަޅު ކުރުމުގެ މެސެޖެއް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެއެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިޓީތަކުން ދިނީ މެސެޖެއް ކަމުގައި ގަބޫލުފުޅު ކުރައްވާ ކަމަށާއި، އެކަމަށްޓަކައި ޝުކުރު ވެސް އަދާ ކުރައްވާ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި، ވެރިކަން ކުރާ ޕީއެންސީ އަށް ސިޓީތަކުން ވޯޓު މަދުވިީއިރު، މީގެ ކުރިން އެ ޕާޓީގެ ފިކުރަށް އެއްވެސް ވަރަކަށް ތާއީދު ނުލިބޭ ބައެއް ރަށްތަކުން، ނިމިގެން ދިޔަ އިންތިހާބުގައި މެޖޯރިޓީ ލިބިގެން ދިޔަ ކަމަށެވެ.
”ފަސް ސިޓީން ވަރަށް ބޮޑު ނާކާމިޔާބީއެއް ލިބުނީ، އެހެންނަމަވެސް އަޅުގަނޑު އެ ނާކާމިޔާބީ ނަގަނީ ވަރަށް ޕޮޒިޓިވް ކޮށް.“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނަށް މާލެ ސިޓީގެ ރައްޔިތުންގެ ބޭނުންތައް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، އެކަންކަން ފަހިކޮށްދެއްވުމަށް އިތުރު ސަމާލުކަމެއް ދީގެން ސަރުކާރުން މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ.

