1447 ވަނަ އަހަރުގެ ހައްޖުވެރިން ރާއްޖޭން ފުރުމުގެ އިންތިޒާމްތަކުގެ ތެރެއިން، މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީ އަރަބިއްޔާގެ ބޭފުޅުން ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފިއެވެ.

އެގޮތުން މައްކާ ރޫޓު އިނީޝިއޭޓިވްގެ ވަފުދުގެ އިސްބޭފުޅެއްކަމަށްވާ އޮޕަރޭޝަންސް މެނޭޖަރ އުމަރު އަބްދުލްމަޖީދު އާރް. އައްދައީޖުވަނީ ރޭގައި ރާއްޖެ ވަޑައިގަންނަވާފައެވެ. މައްކާ ރޫޓޫ އިނީޝިއޭޓިވްގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ އިތުރު 18 ބޭފުޅުން 11 މެއި 2026 ގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ހައްޖުވެރިންގެ ދަތުރު ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސަޢުދީ ޢަރަބިއްޔާއިން ކުރިއަށް ގެންދާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނާފައިވަނީ 1446 ވަނަ އަހަރުގެ ހައްޖު މޫސުމުގައެވެ.

އެގޮތުން މިދިޔަ އަހަރު ދިވެހިރާއްޖޭގައި މި ހިދުމަތް އިފްތިތާހު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މައްކާ ރޫޓު އިނީޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާހިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ހިޒް އެކެސެލެންސީ ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާގެ އިތުރުން ސައުދީފެ އިސް ވަފުދެއް ބައިވެރިވެލެއްވިއެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހި ހައްޖުވެރިން ސައުދީއަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިގެންދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ދިވެހި ހައްޖުވެރިން ސައުދީއަށް އެތެރެވުމުގެ ކުރިން ސައުދީގެ އިމިގްރޭޝަން ނިމޭއިރު، ޙައްޖުވެރިންގެ ފޮށިތައްވެސް މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަރާތުން ޙައްޖުވެރިން ތިއްބަވާ ހޮޓަލާއި ހަމައަށް ގެންގޮސްދެއެވެ.

އެހެންކަމުން ހައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެ، ހައްޖުވެރިންގެ ދަތުރަށް ބޮޑު ފަސޭހައެއް ލިބިގެންދެއެވެ.

ދިވެހިރާއްޖެއަށް މި ހިދުމަތް ލިބިފައިވަނީ އިސްލާމިކް މިނިސްޓްރީން ސައުދީ އަރަބިއްޔާގެ ކަމާބެހޭ އިސްވެރިންނާއެކު ކުރެވުނު މުހިއްމު މަޝްވަރާތަކަކަށް ފަހުގައިކަން ފާހަގަކޮށްލެވެއެވެ.

ހާއްސަ ހުއްދައެއްގެ ދަށުން މި ހިދުމަތް ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވުމަކީ، ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި، ވަލީއަޙްދު މުހައްމަދު ބިން ސަލްމާންގެ ހިތްޕުޅުގައި ދިވެހި ރައްޔިތުންނާއި މެދު އޮތް ގުޅުން ފާހަގަކޮށްލެވޭ ކަމަކެވެ. މިކަމަށްޓަކައި ދިވެހި ސަރުކާރުން، ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް އަޒީޒްއާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް އަދި ސައުދީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވައެވެ.

މީގެ އިތުރުން ދިވެހި ހައްޖުވެރިންގެ ކަންކަމުގައި ދިވެހިރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ ޔަހްޔާ ހަސަން އަލްގަހްތާނީއަށާއި އެމްބަސީގެ މުވައްޒަފުންނަށް އިސްލާމިކް މިނިސްޓްރީން ޝުކުރު އަދާކުރައްވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.