ރައްޔިތުންގެ ބައްދަލުވުންތަކުގެ ދެވަނަ ބުރު، މިއަންނަ ޖޫން މަހުން ފެށިގެން ފައްޓަވަން ނިންމަވާފައިވާކަން ރައީސް ޑރ.މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ، މިއަދު، ރައީސް އޮފީހުގައި، ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ ބައްދަލުވުންތައް ފައްޓަވަނީ ރައްޔިތުންނާ ގާތުން އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ގޮތަށް، އެކަން ކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ.
އެގޮތުން ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ ވިސްނުމާއެއްގޮތަށް ކަންތައްތައް ގެންދިއުމުގައި ސީދާ އެމަނިކުފާނާއި ހަމައަށް ނާންނަ ބައެއް ކަންކަން ހުންނަ ކަމަށާއި އެގޮތުން އެކަންކަން ޙައްލުކުރެއްވުމުގެ ވަރަށްބޮޑު ބާރަކަށް މި ބައްދަލުކުރެއްވުންތައް ވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރިންވެސް ގެންދެވިހެން، ފައްޓަވާ ރައްޔިތުންގެ ބައްދަލުވުންތަކުގައި، މާލޭގައި ކަމަށްވާނަމަ، މާލޭގެ އަވަށްތަކުގެ އަވަށު ބައްދަލުވުންތަކެއް، ވަގުތުއޮތް މިންވަރަކުން، ކޮންމެ ހަފުތާއަކު އެއް ބައްދަލުވުން ބޭއްވޭތޯ މަސައްކަތްކުރައްވާނެކަމުގައެވެ. އެގޮތުން އެއްވެސް ކަހަލަ ދަތުރެއް ނުވަތަ ވަގުތުގެ ދަތިކަމެއް މެދުވެރިނުވާހާހިނދަކު ހަފުތާއަކު އެއްފަހަރު ނުވަތަ އެއަށްވުރެ އަވަހަށްވެސް މިބައްދަލުކުރެއްވުންތައް ބޭއްވޭތޯ މަސައްކަތްކުރައްވާނެކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެތެރޭގައި، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން އެކިއެކި ޕްރޮފެޝަންތަކުގެ ބައިބަޔާއެކު ވަކިވަކީން ބާއްވަވާ ބައްދަލުކުރެއްވުންތަކާއި އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށްރަށަށް ޒިޔާރަތްކުރެއްވުން ހިމެނޭކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރައްޔިތުންގެ ބައްދަލުވުންތަކުގެ ފުރަތަމަ ބުރުގައި ރައީސް ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ޒިޔާރަތްކުރައްވާ، އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ޙާލުބައްލަވާ އެކިއެކި ދާއިރާތަކުގައި ހުރި ދަތިކަންކަމާގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ރައްޔިތުންގެ ބައްދަލުވުންތަކުގެ ފުރަތަމަ ބުރުގައި ހިމެނިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި މުއްދަތުގައި ޒިޔާރަތްކުރެއްވިއިރު، 63 ރަށަކަށް އެމަނިކުފާނު ވަނީ 2 ފަހަރަށް ޒިޔާރަތްކުރައްވާފައެވެ.
ރައީސް ނޫސްވެރިންނާއެކު ކޮންމެ ހަފްތާއަކު ސިލްސިލާކޮށް ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުކުރެއްވުންތަކުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، ސަރުކާރުގެ ކުންފުނިތަކުގެ ހަރަދުކުޑަކުރުމަށް ޕީސީބީން އަންގާފައިވާ އެންގުމާއި އެއްގޮތަށް އަދި ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ކުންފުނިތަކުގެ ހަރަދު ކުޑަކުރުމުގެ ކަންކަން ގެންދަވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
އަދި އޭގެތެރޭގައި މުވައްޒަފުން މަދުކުރުމާއި ކުންފުނިތަކުގެ ހަރަކާތްތައް އިތުރަށް ސްޓްރީމްލައިންކޮށް އެފިޝަންޓްކުރުމަށް ގެނެވޭ ބަދަލުތައް ހިމެނޭކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

