ވިލިމާލޭގެ ރައްޔިތުން ވޯލްޑް ކަޕް ބެލުމަށް ޕްރޮޖެކްޓަރުތަކެއް ހަދިޔާ ކޮށްފިއެވެ.

Ads by Asuru

މި ޕްރޮޖެކްޓަރުތައް ހަދިޔާ ކުރެއްވީ އެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއެވެ. ވިލިމާލޭގެ ހަތަރު ސަރަހައްދެއްގައި ބަހައްޓާނެ ހަތަރު ޕްރޮޖެކްޓަރު ނަހުލާ ވަނީ ހަދިޔާ ކުރައްވައިފައެވެ.

ޕްރޮޖެކްޓަރުތައް ހަވާލު ކުރީ ވައިޑީ، ޓީއެފްޓީ، ބޫޗީސް އަދި ވިލިމާލެ ރައްޔިތުންނަށް ޚާއްސަކޮށެވެ.

އެގޮތުން ވިލިމާލެ ރައްޔިތުންނަށް ޚާއްސަކޮށް ބެހެއްޓޭ ޕްރޮޖެކްޓަރު ހުންނާނީ ވިލިމާލެ ބޭންކް އޮފް މޯލްޑިވްސްއާ ޖެހިގެން އޮންނަ ހުސްބިމުގައެވެ.

މި ތަކެތި ހަދިޔާ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ ވިލިމާލޭގެ ޒުވާނުންނަކީ ފުޓްބޯޅައަށް ވަރަށް ބޮޑަށް ލޯބި ކުރާ ބައެއް ކަމަށެވެ.

”ޒުވާނުންނަށް ހާއްސަ ކުރެވިގެން އަޅުގަނޑު ބޭއްވި ފުރަތަމަ މުބާރާތް، އާދެ، މިއަހަރުގެ ބޮޑު އީދުގަ އަޅުގަނޑު ބޭއްވި ފުޓްސަލް މުބާރާތުގައި ހަމައެކަނި ވިލިމާލެއިން 250އަށްވުރެ ގިނަ ޒުވާނުން ބައިވެރިވީ ކަމީ މިކަމުގެ އަލި ގަދަ ހެއްކެއް.“ ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ މާލެ ސަރަހައްދުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރި ތިބި އަވަށަކަށް ވިލިމާލެ ވާނެ ކަމަށާއި، އެއީ އޭނާ ފަހުރުވެރިވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ނަހުލާގެ ފަރާތުން، ވިލިމާލޭގެ ރައްޔިތުންނަށް، ވޯލްޑްކަޕަށް ޚާއްސަ ލަވައެއްވެސް ހަދިޔާ ކުރެއްވިއެވެ. މި ލަވަ ރޭ ވަނީ ލޯންޗުވެސް ކޮށްފައެވެ.