ވިލިމާލޭގެ ޒުވާނުންނަށް އާމްދަނީ ހޯދައި، ކުޅިވަރު ކުޅެވޭނެ އިތުރު ގޮތްތައް ފަހިކޮށް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަަމަށް އެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.

Ads by Asuru

ނަހުލާ މިހެން ވިދާޅުވެފައިވަނީ ވިލިމާލޭގައި ވޯލްޑް ކަޕް ބެލުމަށް ހަތަރު ޕްރޮޖެކްޓަރު ހަދިޔާ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ވިލިމާލޭގެ ޒުވާނުންނަށް ބޭނުންވާނެ ގިނަ ކަންތައްތައް ކޮށްދިނުމަށް މަސަައްކަތްތަކެއް ކުރައްވަމުން އަންނަކަން ފާހަގަކުރައްވައި ނަހުލާ ވަނީ، ވިލިމާލޭގައި ބޮޑު ފުޓްސަލް ދަނޑެއް އެޅުމަށް ސިޓީ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާއަށް ހުށަހެޅުއްވި ހުށަހެޅުއްވުން، ފާސް ކޮށްފައިވާކަން ފާހަގަކުރައްވައިފައެވެ.

”އިރާދަކުރެއްވިއްޔާ، މި ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް، އަވަސް މުސްތަގްބަލެއްގައި ފެށިގެންދާނެ ވާހަކަ، އަޅުގަނޑު ހަމަ އުފަލާއެކުގައި ފާހަގަކޮށްލަން.“ ކައުންސިލަރު ވިދާޅުވިއެވެ.

ނަހުލާ އިތުރަށް ވިދާޅުވީ ވިލިމާލެއަށް ބޭނުންވާނެ ގިނަ ކަންކަން މާލެ ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނުމަށްވެސް މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށެވެ.

”އަދި ދެ ޖިންސު ހިމެނޭ ގޮތަށް، ކުޅިވަރަށް ލޯބިކުރާ ގިނަ އަދަދެއްގެ ޒުވާނުން، ވިލިމާލޭގައި ތިބުމާއެކު، ވިލިމާލޭގައި ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ ގޮތަށް، އެއް ސަރަހައްދެއްގަ ކުޅިވަރު ކޯޓުތައް ގާއިމު ކުރެވޭނެ ގޮތް ހެދުމަށް، މިކަމުގައިވެސް ދަންނަވާ، މާލެ ސިޓީ ކައުންސިލުގެ ތެރެއިންވެސް މިދަނީ އަޅުގަނޑު މަސައްކަތް ކުރަމުން.“ ނަހުލާ ވިދާޅުވިއެވެ.

ވިލިމާލެއަށް ބޭނުންވާ ގިނަ ކަންކަން ހުރިކަން ފާހަގަކުރައްވައި، އެކަންކަން ހާސިލު ކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ނަހުލާ ވަނީ ދެއްވައިފައެވެ.