މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން އިސްތިސްނާ ކަނޑައަޅުއްވާފައިވާ ދާއިރާތަކުން މައުލޫމާތު ހޯދުމަށް ހުށަހަޅައިފައިވާ ފޯމުތައް ފިޔަވައި، ރައީސް އޮފީހަށް ހުށަހަޅާފައިވާ ހުރިހާ އާރްޓީއައި ފޯމަކަށް، ހުކުރު ދުވަހުގެ ނިޔަލަށް ޖަވާބު ދެވިފައިވާކަމަށް، ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، “ޕްރެސަރ ވިތު ދަ ސްޕޮކްސް“ ސިލްސިލާގެ އިއްޔެގެ ބައްދަލުކުރެއްވުމުގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާ ގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ސަރުކާރުގެ އެހެން ވުޒާރާތަކާއި އިދާރާތަކަށްވެސް، މި ގޮތަށް މަސައްކަތް ކުރެއްވުމަށް ހިތްވަރުދެއްވައި، މައުލޫމާތު ހޯދުމަށް ހުށަހަޅާ ފޯމުތަކަށް ޖަވާބުދިނުމަށް ބޭނުންވާ އެހީތެރިކަންވެސް، ސަރުކާރުން އެއިދާރާތަކަށް ފޯރުކޮށްދެއްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސް ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކުރާ، އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރުމުގެ ޒިންމާ އަދާކުރުމުގައި، ސަރުކާރުން ސައްތައިން ސައްތައަށް އިޖާބަދެއްވުމަށް ކަމުގައިވެސް ތަރުޖަމާނު ވިދާޅުވިއެވެ.