ދިވެހި ފަންނާނުންގެ ހުނަރުތައް ދައްކާލެވޭނެ ފުރުޞަތު ސަރުކާރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ނޫވިލު ސީޕްލޭން ޓަރމިނަލްގައި ފަހިކޮށްދީފިއެވެ.

Ads by Asuru

މިގޮތުން ނެޝެނަލް ސެންޓަރ ފޮރ ދި އާރޓްސްއިން އިންތިޒާމުކޮށްގެން ސީ ޕްލޭން ޓަރމިނަލްގައި އާޓިސްޓުންގެ ހުނަރު ދައްކާލުމަށް މިހާރު ކުރިޔަށްގެންދާ އެގްޒިބިޝަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ބައްލަވާލައްވައިފައެވެ.

މިއީ، ރާއްޖޭގެ ފުންނާބު އުސް އަދި ކުރި އަރަމުން އަންނަ ފަންނާނުންގެ ހުނަރުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިޝްތިހާރުކުރުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ނޫވިލު ސީޕްލޭން ޓަރމިނަލްގައި ކުރިޔަށް ގެންދާ ޙަރަކާތެކެވެ.

މި ސީ ޕެލޭން ޓަރމިނަލްގެ 12 ޕެނަލެއްގައި ދައްކާލަން ބަހައްޓާފައިވާ ކުރެހުންތަކުގެ ތެރޭގައި ނެޝަނަލް އާޓް ގެލެރީގެ ދާއިމީ ކަލެކްޝަންގައި ހިމެނޭ 20 ކުރެހުމެއް ހިމެނެއެވެ.

ދިވެހި ފަންނުވެރިންގެ ކުރެހުންތައް ސީ ޕްލޭން ޓަރމިނަލްގައި ދައްކާލުމަށްޓަކައި ބެހެއްޓުމުގެ ބޭނުމަކީ އެތަނަށް ޒިޔާރަތްކުރާ، ރާއްޖެއާއި ރާއްޖޭއިން ބޭރުގެ ފަރާތްތަކަށް ފަންނާނުންގެ މަސައްކަތްތައް އިޝްތިހާރުކޮށް އެތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުމެވެ. މީގެ އިތުރުން، މިއުޒިކީ ފަންނާނުންނަށްވެސް މި ޕްލެޓްފޯމް މެދުވެރިކޮށް އެ ފަރާތްތަކުގެ ހުނަރުތައް ދެއްކުމުގެ ފުރުސަތުވަނީ ފަހިކުރެވިފައެވެ.

މި މަޢުރުޒު ބައްލަވާލެއްވުމުގެ އިތުރުން ރައީސް ވަނީ ފަންނުވެރިންނާއި، ކަމާ ގުޅޭ ޖަމުޢިއްޔާތަކުގެ ބޭފުޅުންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލައްވައި ފަންނުވެރިންގެ އުފެއްދުންތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. މި ފަހިކުރެވިގެންދާ ޕްލެޓްފޯމަކީ ފަތުރުވެރިން ރާއްޖެ އަންނަ ޕީކް ސީޒަންގައި ފަންނާނުންނަށް ހުޅުވިފައި ހުންނާނެ ފުރުޞަތެކެވެ.