ޓެކްސް ބޮޑުކުރުމަކީ މަސައްކަތްތައް ބާރަށް ކުރިޔަށް ގެންދަން ލިބުނު އިތުރު ބާރަކަށް ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން ހުށަހެޅިގޮތަށް މަޖިލީހުން ފާސްކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ސަރުކާރު ފާއިތުވި އަހަރުތަކުގައި ދިމާވި، ބޮޑެތި އިޤްތިސާދީ ދަތިތަކުން އަރައިގަނެ ދުނިޔެއަށް މިސާލު ދައްކާފައިވާ ކަމަށެވެ.

ޓެކްސް ބޮޑުކުރަން ފެންނަ ކަމަށް 55 މެމްބަރުން ވޯޓު ދިންއިރު ފާސްކުރުމަށް ނުފެންނަ ކަމަށް 26 މެމްބަރުން ވޯޓު ދީފައިވެއެވެ.

ޓެކްސް ބޮޑު ކުރަން ފާސްކުރުމާ ގުޅިގެން، އަމީރު ވިދާޅުވީ ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ހަމަހަމަކަމާއެކު މުޅި ރާއްޖެއަށް ބޭނުންވެފައިވާ އެތައް އުމްރާނީ، އިޖްތިމާއީ ތަރައްޤީގެ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

”ސަރުކާރުން ހުށަހަޅާފައި އޮތް ގޮތަށް، ޓެކްސް ރޭޓްސް މަޖްލިހުން ފާސްވެގެން ދިޔުމަކީ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ރައްޔިތުންގެ އުންމީދުތައް ޙާސިލްކޮށްދިނުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަސައްކަތްތައް ބާރުމިނުގައި ކުރިޔަށް ގެންދިޔުމަށް ލިބުނު އިތުރު ބާރަކަށް.“ އަމީރުގެ ޓްވީޓުގައިވެއެވެ.

ޤާނޫނަށް ގެންނަ އިސްލާހުގައިވާގޮތުން ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ. އިސްލާހުގައި ވަނީ ޖެނުއަރީ 1 2023 އިން ފެށިގެން ޓެކްސްގެ ރޭޓު ބޮޑު ވާނެ ކަމަށެވެ.