ސްޕޭނުގެ ބާސަލޯނާގައި ކުރިއަށްދާ ސްމާޓް ސިޓީ އެކްސްޕޯ ވާރލްޑް ކޮންގްރެސް 2022 ގައި މާލޭ ސިޓީ ކައުންސިލުން ބައިވެރިވެއްޖެއެވެ.

Ads by Asuru

އިއްޔެ ފެށުނު މި ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވެފައިވަނީ ހުޅުމާލޭ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާއު އެވެ.

މި ބައްދަލުވުމުގައި މިއަދު އޮތް ދަންފަޅިތަކުގައި ސިޓީ ކައުންސިލުން ވަނީ ކައުންސިލްގެ މިދައުރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ މުހިންމު ލަނޑުދަނޑިތަކަށް އަލިއަޅުވާލައި، ދުނިޔޭގެ ތަފާތު 70 ޤައުމަކުން ބައްދަލުވުމުގައި ބައިވެރިވަމުންދާ ވަފުދުތަކާ މަޢްލޫމާތު ޙިއްޞާކޮށްފައެވެ.

ކައުންސިލްގެ ތަޞައްވުރަށް އެކި ފަރާތްތަކުން ވަނީ ތައުރީފުކޮށް، މާލެ ފަހިކުރުމާ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މާލޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، ރައްކާތެރިކަމާއެކު ކުނި ނައްތާލުން ފަދަ ތަފާތު ލަނޑިދަނޑިތައް ހާޞިލުކުރުމަށް މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގައި ކުރިއަށްގެންދާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމާމެދު ކައުންސިލުގެ ވަފުދުގެ މެންބަރުންނާ މަޝްވަރާކޮށްފައެވެ.

މި ކޮންގްރެސްއަކީ ދުނިޔޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ބައްދަލުވުމަށް ވީހިނދު، މިފަހަރުގެ ބައްދަލުވުމުގައި އެންމެ އިސްކަންދޭ ޝިއާރަކަށް އިންތިޒާމުކުރި ފަރާތްތަކުން އެކަށައަޅާފައިވަނީ ދަތުރުފަތުރުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމެވެ.

އޭގެ އިތުރުން، އދ ގެ ސަސްޓޭނަބަލް ޑިވެލޮޕްމަންޓް ގޯލްސް ހާޞިލުކުރުމުގައި ސިޓީތަކުގެ ދައުރަށްވެސް މި ބައްދަލުވުމުގައި ވަނީ އަލިއަޅުވާލާފައެވެ. ބައްދަލުވުމުގައި މިއަދު އޮންނަ ރީޖަނަލް އަދި ސިޓީ ގަވަރންމަންޓްތަކަށް ޚާއްޞަ ދަންފަޅީގައި މާލޭ ސިޓީ ކައުންސިލުން ބައިވެރިވާންވެސް ވަނީ ދައުވަތު ލިބިފައެވެ.

ބާސެލޯނާގައި ކުރިއަށްދާ މި ބައްދަލުވުން ނިމެނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.