ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްވީ ހަނި އަޣްލަބިއްޔަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޓެކްސް ބިލު ފާސްކުރަން ނުފެންނަ ކަމަށް، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ނަޝީދު ފެކްޝަނުގެ މެމްބަރުން ވަކާލާތުވެސް ކުރެއްވިއެވެ. މި ބިލު ފާސްކުރުމަށް ފެންނަ ކަމަށް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި 55 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ފާސް ކުރަން ފެނިވަޑައިނުގަންނަވާ ކަމަށް 26 މެންބަރުން ވޯޓު ދެއްވިއެވެ. ދެކޮޅު މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ 14 މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ބާވަތުގެ ގާނޫނުތަކަށާއި ބިލުތަކަށް ބޮޑު އަޣްލަބިއްޔަތެއް ގާނޫނު އަސާސީ ލާޒިމުކުރާ ކަމަށާއި، ސަރުކާރުން ހުށަހެޅުއްވި ގޮތަށް ބިލު ފާސްވިއިރު، ”ހަނި“ އަޣްލަބިއްޔަތާމެދުގައި ސަރުކާރުން ވިސްނަވާނެ ކަަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ.

ޓެކްސް ބޮޑުކުރަން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފާސްކުރިއިރު، އެ ބިލަށް މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް ވޯޓަށް ނޭހުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެންބަރުން އެކަމާ ނުރުހުންވެ ވަޑައިގެން، ރައީސްއާވެސް ބައްދަލު ކުރެއްވިއެވެ.

ޖީއެސްޓީ ބޮޑުކުރަން ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ.

ސަރުކާރު ހުށަހަޅާފައިވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން އަދި ޖީއެސްޓީ ހަ އިންސައްތައިން އަށް އިންސައްތަ އަށް ބޮޑު ކުރުމަށެވެ.