ފުވައްމުލަކު ސިޓީގައި ކުޑަކުދިންގެ ކަސްޓޯޑިއަލް މުކަޒެއް ހުޅުވައިފިއެވެ.

Ads by Asuru

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ގާއިމުކުރި ފުރަތަމަ، ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒު ފުވައްމުލައް ސިޓީގައި ހުޅުވައިފިއެވެ.

ފުވައްމުލައް ސިޓީގައި މިއަދު އޮތް ރަސްމިއްޔާތުގައި އެ މަރުކަޒު ހުޅުއްވައިދެއްވީ ރައްޔިތުން މަޖިލިސްގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ މުގަރިރު ޖީހާން މަޙްމޫދު އަދި ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއީލްރަފީޤުއެވެ.

އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފް ދެއްކެވި ވާހަކަފުޅުގައި، މީގެ އަށާވީސް އަހަރު ކުރިން މީހުން ބަންދުކުރާއިރު ކުޑައެއް ބޮޑެއް ތަފާތެއް ނުކުރާކަން ފާހަގަކުރައްވައި އޭރުގައި މީހުން ބަންދުކުރެވޭ ގޮތުގެ މައްޗަށް އަލިއަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި އޭރުގައި އަމަލުކުރަމުންދިޔަ ގޮތްތަކަށް ވިސްނާލާއިރު ދަސްވެގެންދިޔަ ކަމަކީ މިއަދަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފިލާވަޅެއް ކަމުގައި ވިދާޅުވިއެވެ.

އަދި އޭރުގައި މީހަކު ކުށެއްކޮށްފިނަމަ އިންޒާރެއްދިނުމަށްފަހު އެ ކުށް ތިންވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ އަދި އެއީ ދައުވާކުރެވޭވަރުގެ މަސައްކަތެއްނަމަ ދައުވާކުރުމަށް ޕްރޮސެކިއުޓަރ އޮފީހަށް ފޮނުވާކަމަށް ވިދާޅުވި އެވެ. އަދި އެގޮތަށް ކަންތައްކޮށްގެން ދެވަނަ ފަހަރަށް ކުށްކޮށްގެން އަންނަ މިންވަރު މަދުވާކަމަށް ވިދާޅުވިއެވެ.

މިހާރު އޮތް ޖުވެނައިލް ޖަސްޓިސްއަށް ބަލާއިރު ކުއްޖަކު ދެވަނަ ފަހަރަށް ކުށެއްކޮށްގެން ގެނެވޭހިނދު އެކުއްޖަކު ބައިންދައިގެން ނަސޭހަތްދިނުމަށްފަހު ދެން ކަންކަން ކުރަންވީ ގޮތުގެ މައުލޫމާތު އެކުއްޖާގެ ބެލެނިވެރިޔާއަށް ހިއްސާކުރާ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެންމެ ކުރީގައި މިގޮތަށް މިކަންކުރާނެ ބަޔަކު ނުތިބޭކަމަށް ވިދާޅުވި އެވެ. އަދި ކުޑަކުދިންކުރާ ކުށްތައް މަދުކުރުމަށް ފުލުހުންކުރާ މަސައްކަތުން، ކުޑަކުދިންނަކީ ކުށްތަކާ ދުރުވެ މުޖުތަމައަށް ބޭނުންތެރި ދަރިންތަކަށްވެގެން ދިއުން އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ފުވައްމުލަކުގައި މިއަދު ހުޅުވި ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒުގައި، ކުޑަކުދިންނަށް ހާއްސަކޮށްގެން އިންޑޯ އަދި އައުޓް ޑޯ ކުޅިވަރުތައް ކުޅެވޭނެ ތަނަކާއި ލައިބްރަރީއަކާއި، ކްލާސްރޫމެއްގެ އިތުރުން ކޮމްޕިއުޓަރ ލެބެއް ގާއިމުކޮށްފައިވެއެވެ.