ސަރުކާރުގެ ކާމިޔާބީއާއި ހަމަހަމަ ކަމާއި އިންސާފު މިނެކިރާނީ ރައްޔިތުން ކަމަށާއި، ސަރުކާރުން ފަތުރާ ޕްރޮޕެގެންޑާއިން ހާމަވަނީ ނާގާބިލުކަން ކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ސަރުކާރަށް ހަތަރު އަަހަރު ފުރުމާ ގުޅިގެން، ލިބިފައިވާ ކާމިޔާބީތައް ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިއްސާ ކުރެއްވިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ހަތަރު އަހަރަކީ ހަމަހަމަ ކަމާއެކު ވެރިކަން ކުރެއްވި ހަތަރު އަހަރު ކަަމަށެވެ.

މިވާހަކައަށް ފާޑު ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ހީނާ ވިދާޅުވީ ކާމިޔާބީއާއި ހަމަހަމަކަމާއި އިންސާފު މިނެކިރާނީ ރައްޔިތުން ކަމަށެވެ. ހީނާ ވިދާޅުވީ ސަރުކާރުން ފަތުރާ ޕްރޮޕެގެންޑާއިން ހާމަ ވެގެންދަނީ ސަރުކާރުގެ ނާގާބިލުކަން ކަމަށެވެ.

”ބާކީ އަށް މަސް ދުވަހު ދުނިޔެ ވަށާ ދަތުރު ކޮށްފަ، ރައްޔިތުންނަށް ކޯޗެއް؟“ ހީނާ ސުވާލު އުފެއްދެވިއެވެ.

ސަރުކާރަށް ހަތަރު އަހަރު ފުރުމާ ދިމާކޮށް ޕީޕީއެމް-ޕީއެންސީގެ އިސް ބޭފުޅުން ވަނީ، ސަރުކާރުގެ ހަތަރު އަހަރު ނާކާމިޔާބުވި ކަމަށް އެ ބޭފުޅުން ގަބޫލު ކުރައްވާ ސަބަބުތައް ހިއްސާ ކުރައްވައިފައެވެ.