މާލެ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރަށް 18 މަސް ދުވަސް ފުރުނުއިރު، އެ ކައުންސިލުން ވަނީ މާލޭގެ ރައްޔިތުންނަށް ދަތިވެފައިހުރި ގިނަ ކަންކަމަށް ހައްލު ގެނެސްދީފައެވެ. އިދިކޮޅު މައި ޕާޓީގެ މެޖޯރިޓީ އޮތް ކައުންސިކަށްވުމުން، ސަރުކާރުގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުން ނުލިބިވެސް، ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ދަނީ ލާމަރުކަޒީ ގާނޫނުން އެ ކައުންސިލަށް މަތިކޮށްފައިވާ ޒިންމާތައް އެންމެ ފުރިހަމައަށް އަދާ ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

Ads by Asuru

މަދިރި ގިނަވުމީ ސިއްހީ އަދި އިޖްތިމާއީ އެތައް މައްސަލައެއް ކުރިމަތި ކުރުވާ ކަމަކަށްވުމާއެކު މާލޭގައި މަދިރި ކޮންޓްރޯލް ކުރުމަށް ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން ސިޓީ ކައުންސިލުގެ ފުރަތަމަ ހަ މަސް ދުވަހު 7،370 ތަނެއް ބެލިއިރު، އޭގެތެރެއިން 900އެއްހާ ތަނުން މަދިރި ފަނި ފެނުނެވެ. ކައުންސިލުން ބުނީ އެތަންތަނުގެ ތެރެއިން 762 ތަނަކަށް ބޭސް އަޅައި، 792 ބްލޮކް ފޮގް ކުރެވުނު ކަމަށެވެ.

ސިޓީ ކައުންސިލަށް އަހަރެއް ވީއިރު، މި މަސައްކަތް ވަރަށް ބޮޑަށް ވަނީ ކުރިއަށް ގެންދެވިފައެވެ. އެ ކައުންސިލުން ބުނީ، މި ދައުރަށް އަހަރެއް ވީއިރު، މަދިރި އުފެދޭ ގޮތަށް ހުރި 15،350 ތަނެއް ބަލައި، އޭގެތެރެއިން 1،273 ތަނަކުން މަދިރި ފަނި ހޯދައި، އެފަދަ 1،930 ތަނަކަށް ބޭސް އަޅާފައިވާނެ ކަމަށެވެ. އަދި 1،379 ބްލޮކް، އެ މުއްދަތުގައި ފޮގް ކުރިއެވެ.

އޭގެ ފަހުން ފާއިތު ވެގެން މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި 21،894 ތަނެއް ބަލައި، 1878 ތަނަކުން މަދިރިފަނި ހޯދައި، 2،792ތަނަކަށް ބޭސް އަޅާފައިވެއެވެ.

އެހެންކަމުން، ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި މަދިރި ކޮންޓްރޯލް ކުރުމަށް ޖުމްލަ 2،270 ބްލޮކް ވަނީ ސިޓީ ކައުންސިލުން ފޮގް ކޮށްފައެވެ.