ތިލަމާލޭ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގެ ދަށުން ކަނޑުގައި ޖަހާ ފުރަތަމަ ޓެސްޓް ޕައިލްގެ މަސައްކަތް ނިންމާ ދެވަނަ ތަނބުގެ މަސައްކަތް ފަށައިފިއެވެ.

Ads by Asuru

 

ބްރިޖްގެ ތަނބުތަކުގެ ޓެސްޓް ޕައިލިންގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮކްޓޯބަރުމަހުއެވެ.

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލަން ހަދާ ތިލަމާލެ ބްރިޖު“ގެ މަސައްކަތަށް ކަނޑުގައި ޖަހާ ފުރަތަމަ ތަނބުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މި މަސައްކަތުގައި ބްރިޖުގެ ދާއިމީ ތަނބުތައް ޖެހުމަށް ބޭނުންވާ ޓެސްޓް ތަނބުތަކުގެ ތެރެއިން ފުރަތަމަ މެރިން ޓެސްޓް ތަނބު މިހާރު ހުރީ ވަރަށް ރީއްޗަށް ފެނުން މައްޗަށް ފެންނާނެށެވެ.

މެރިން ޓެސްޓް ޕައިލް ހަރުކުރުމަކީ ދާއިމީ ތަނބުތައް ޖެހުމަށް ތައްޔާރުވުމުގެ ގޮތުން ކުރާ މަސައްކަތެކެވެ.

މި މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ކޮންކްރީޓްކޮށްފައި ވަނީ މާލެ ފަޅީގެ މޫދުގައި ހުންނަ ތަނބެވެ. އަދި މިފަދަ އިތުރު އެއް ތަނބު ވިލިމާލެއާއި ގުޅީފަޅު ކައިރީ ޖެހުމަށް ހަމަޖެހިފައިވާއިރު، އެ ޓެސްޓް ތަނބު ޖެހުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ކުރެވިގެންދާނެކަމަށް ޕްލޭނިންގް މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.

މި ދެ ތަނބުގެ ޓެސްޓް ޕައިލިންގ ނިމުމާއެކު ދެން ކުރިއަށްގެންދާނީ ދާއިމީ ތަނބުތައް ޖެހުމުގެ މަސައްކަތްކަމަށާއި، މިހާރު ކުރިއަށްދާ ޓެސްޓް ޕައިލިންގެ މަސައްކަތަކީ ތަނބުތަކުގެ ޑިޒައިން ފައިނަލްކުރުމަށް ކުރިއަށްގެންދާ މަސައްކަތެއްކަމަށްވެސް އެމިނިސްޓްރީއިން ހާމަކުރެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފައިވާ ގޮތުގައި މިހާރު ކުރިއަށްދަނީ ދާއިމީ ތަނބުތަކުގެ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތަކަމަށެވެ.