ކޮރަޕްޝަން ހުއްޓުވުމުގައި ފަސްނުޖެހޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ނަހުލާ މިހެން ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒްގެ އަލީއަށް ބަޔަކު ހަމަލާދިނުމުގައި ނަހުލާގެ އަތެއްވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެކަމާ ގުޅިގެން ނަހުލާ ވިދާޅުވީ އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މައްސަލަތައް ބަލަމުންދާ ދަނޑިވަޅުގައި މިކަމަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަން މަސައްކަތްކޮށް، މިކަމުގެ ތެރޭގައި އޭނާގެ އާއިލާ އަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަކީ އަބުރު ކަތިލިމުގެ ހުތުރު އަމަލުތަކެއް ކަމަށެވެ.
”ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް ފަސްޖެހުމެއް ނެތި ކުރާނެ ވާހަކަ ދަންނަވަން.“ ނަހުލާ ވިދާޅުވިއެވެ.
ޝިމާޒަށް ރޭ ބަޔަކު ހަމަލާދީފައިވާއިރު ދާދިފަހުން އޭނާގެ ސައިކަލަށް ގެއްލުންދީ ވަނީ އިންޒާރުގެ މެސެޖުތަކެއް ވެސް ފޮނުވާފައެވެ.
ޝިމާޒަކީ ގަވައިދާ ހިލާފަށް ވެހިކަލުތަކެއްގެ ރަޖިސްޓްރީކޮށް ދިން ކަމަށް ބުނާ މައްސަލަތަކަކާ ގުޅިގެން މިނިސްޓަރު ނަހުލާ މަގާމުން ވަކިކޮށް ދޭން އެދިވަޑައިގެންފައިވާ ފަރާތެކެވެ.
ޝިމާޒަށް ހަމަލާދިން މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.