ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަކީ އެއްވެސް މަރުހަލާއެއްގައި ފަސޭހަ ކަމެއް ނޫން ކަމަށާއި އެހެންކަމުން މުޖުތަމައުގެ ތެރެއިން އެކަކު އަނެކަކުގެ ތަޖުރިބާއިން ކަންކަން ދަސްކޮށް އޭގެ މަންފާ އާއިއެކު، ދަރިން ތަރުބިއްޔަތުކުރުމަށް އެކަކު އަނެކަކަށް އެހީތެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ގޮވާލައްވައިފިއެވެ.

Ads by Asuru

ފަޒްނާ މިކަމަށް ގޮވާލެއްވީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި ނ. ކެނދިކުޅުދޫ ކައުންސިލާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ”ޕޮސިޓިވް ޕޭރެންޓިން ޕްރޮގްރާމް“ އިފްތިތާހުކޮށްދެއްވާ ދެއްވި ވީޑިއޯ މެސެޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ ދަރީންގެ ޅައުމުރުގައްޔާއި ފުރާވަރުގައި އެ ކުދީންގެ ތަރައްގީއަށް އިތުރު ހަރުދަނާކަމާއެކު އެހީވެދިނުމުގައި ބޭނުންކުރާނެ ހެޔޮތަރުބިއްޔަތުގެ ހުނަރުތައް މައިންބަފައިންނަށާއި ބެލެނިވެރިންނަށް ލިބިދީ ބާރުވެރިކުރުވުމާއި މައިންބަފައިންގެ އަމިއްލަ ދުޅަހެޔޮކަމަށްވެސް ސަމާލުކަންދޭނެ ގޮތްތައް އަންގައިދިނުމެވެ.

މެޑަމް ފަޒްނާގެ މެސެޖުގައި އެކަމަނާ ވަނީ ކުދިން ބޮޑެތިވަމުން އަންނައިރު އެކުދިން ތަރުބިއްޔަތުކުރުމުގައި ބޭނުންކުރާ ހުނަރާއި ފޭޑިއަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަންތައްތަކެއް ކަމުގައި ފާހަގަކުރައްވާފައެވެ.

އެގޮތުން އެކަމަނާ ވިދާޅުވީ ކުދީންގެ ޅަފަތަކީ އެ ކުދީންގެ ކުރިމަގުގެ ބިންގާ ކަމަށެވެ. އެހެންކަމުން ދަރީން ހެޔޮ ގޮތުގައި ބޮޑުވެ ދުނިޔޭގައި ހަމަޖެހޭ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި އެ ކުދީންނަށް ބޭނުންވާ ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަމާއި އެދެވޭ ތަރުބިއްޔަތެއް ކަށަވަރު ކޮށްދިނުމަށްވެސް އެދިވަޑައިގެންނެވިއެވެ.