ކޮންމެ މަަޔަކާއި ބަފަޔަކުވެސް ބޭނުންވަނީ ދަރިންނަށް އެންމެ ހެޔޮ ގޮތެވެ. ދަރިންނާ ގުޅޭ ނިންމުންތައް ނިންމަން މައިންބަފައިންނަށް ބައެއް ފަހަރު އުނދަގޫ ވަނީވެސް މިސަބަބަށްޓަކައެވެ.

Ads by Asuru

ދަރިން ތަރުބިއްޔަތު ކުރުމުގައި ދަރިން ދެކެ ރުޅިއަންނަން ޖެހޭ ކިތަންމެ ކަމެއް ދިމާވާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. އެކަމަކު ތިބާ މި ރުޅި ދަރިންނަށް ގޮތަކުން، ދަރިންނަށް ވަަރަށް ބޮޑު އަަސަރެއް ކޮށްފާނެކަން އެނގޭހެއްޔެވެ؟ މިއީ އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި، ހެދިބޮޑުވުމަށްވެސް އަސަރު ކުރުވައިފާނެ ކަމެއްވެސް މެއެެވެ.

ދަރިންނާ ދިމާލަށް ހަޅޭލަވައި އަޑު ގަދަ ކުރުމަކީ އޭގެ އަސަރު ކުދިންނަށް ދިގު މުއްދަތަކަށް ކުރާނެ ކަމެކެވެ.

  • ހަޅޭލެވުމުން ދަރިން ބަސް އަހާނެ ކަމަށް ހީވުމަކީ ކުށްހީއެއް:

ދަރިންނާ ދިމާލަށް ހަޅޭލެވުމުން، ދަރިން އިސްލާހުވާނެ ކަމަށް ތިބާއަށް ހީވެދާނެެއެވެ. އެކަމަކު ދިރާސާއަކުން ދައްކާ ގޮތުގައި ހަޅޭލެވުމުގެ ސަބަބުން ކުއްޖާގެ އުޅުން ވަނީ އިތުރަށް ގޯހެވެ. މާނަ އަކީ، ތިބާގެ ދަރިންނާ ދިމާލަށް އެއްޗެހި ކިޔާނަމަ، އަބަދުވެސް ޖެހޭނީ އެގޮތަށް އެކަން ކުރާށެވެ. ހަޅޭލަވައިގެން ދަރިންގެ ގޯސް އުޅުމެއް ހުއްޓުވައިފިނަމަ، އަބަދުވެސް ޖެހޭނީ އެ ބީދައިން ކަންކުރާށެވެ.

ބެލެނިވެރިންނާ ދަރިންގެ ގުޅުމުގެ މައްޗަށް ކުރި ދިރާސާއަކުން ހާމަވީ ގިނަ އާއިލާތަކުގައިވެސް ކަން ހިނގަމުންދަނީ މިހެން ކަމެވެ. އުމުރުން 13 އަހަރުގެ ކުދިންތަކެއް ބައިވެރިކޮށްގެން ކުރި ދިރާސާއިން އެނގުނީ، އެކުދިން އިސްލާހު ކުރަން މައިންބަފައިން ގިނައިން ހަޅޭލެވި ވަރަކަށް އެ ކުދިންގެ އަހްލާގު އިތުރަށް ގޯސްވެ، ހަޅޭލަވަން ޖެހޭލެއް އިތުރުވާ ކަަމެވެ.

  • ކުދިންނާ ދިމާލަށް ހަޅޭލެވުމުން އެ ކުދިންގެ ސިކުނޑި ތަރައްގީވުމަށްވެސް ބަދަލުތަކެއް:

މައިންބަފައިން ހަޅޭލަވާނަމަ، ދަރިން ދެރަވުމާއި ބިރު ގަތުމުގެ އިތުރަށް ދެން ކުރިމަތިވާ މައްސަލަ އަކީ އެކުދންގެ ނަފްސާނީ ދުޅަހެޔޮ ކަަމަށް ވަރަށް ބޮޑު އަސަރެއް ކުރުމެވެ. ބޮޑު މީހެއްގެ ގޮތުގައި ދަރިފުޅު އުޅޭ އުޅުމަށްވެސް، ކުޑައިރު ދިމާވެފައިވާ ކަންކަމުގެ އަސަރު ކުރާނެ ބީދައިން، މައިންބަފައިން ހަޅޭލަވައިގެން ބޮޑުވާ ދަރިންނަކީ ރުޅި ގަދަ މީހުންނަށް ވެއެވެ. އެފަދަ މީހުން، އެމީހުންގެ ދަރިންނާ ދިމާލަށްވެސް ހަޅޭލެވުމަކީ އެކަށީގެންވާ ކަމެކެވެ. ދަރިންނާ ދިމާލަށް ހަޅޭލެވުމަކީ އެ ކުދިން ޑިޕްރެޝަނުގެ ޝިކާރައަކަށްވެސް ވެދާނެ ކަމެެކެވެ.

  • ކުދިންގެ ޖިސްމާނީ ދުޅަހެޔޮ ކަމަށްވެސް އަސަރު ކުރޭ:

ދަރިންނާ ދިމާލަށް އެއްޗެހި ކިޔާނަމަ، އެ ކުދިންނަށް ގެއްލުން ދެވެނީ ހަމައެކަނި ނަފްސާނީ ގޮތަކުން ނޫނެވެ. ކަންބޮޑުވެ، ފިކުރު ބޮޑުވުމުގެ ނަތީޖާ އަކަށްވެގެންދަނީ، ބައެއް ބަލިތަކަށް ހުށަހެޅި، ޖިސްމާނީ ގޮތުންވެސް ދަރިންގެ ދުޅަހެޔޮ ކަމަށް އަސަރު ކުރުމެވެ.

އެހެންކަމުން ދަރިން ތަރުބިއްޔަތު ކުރުމުގައި، ނުވަތަ ހެޔޮ މަގަށް އެޅުވުމަށް ކުރާ މަސައްކަތުގައި ކެތްތެރިކަން އިތުރުކޮށް، މަޑުމައިތިރިކަމާއެކު އެކުދިންނަށް ނަސޭހަތް ދިނުން ވަރަށް ބުއްދިވެރިއެވެ.

އަހަރުމެން މިސާލު ނަގަން ޖެހޭ ފަރާތަކީ މާތް ނަބިއްޔާ މުޙައްމަދު (ސ.އ.ވ)އެވެ.

މާތް ނަބިއްޔާ، ކުޑަކުދިންގެ އެކި ކަންކަމުގައި ވަރަށް ބޮޑަށް ކެތްތެރިކަން އިސްކުރެއްވިއެވެ. ދުވަހަކުވެސް ކުޑަކުއްޖަކަށް ބާރަށް އެއްޗެއް ވިދާޅުވެ، އަނިޔާ ނުކުރައްވައެވެ.

އެކަލޭގެފާނު ސަޖިދައިގައި އޮންނަވަނިކޮށް، ހަސަން ނުވަތަ ހުސެއންގެފާނު ތުއްޕުޅުއިރު، އެކަލޭގެފާނު ބުރަކަށިފުޅަށް އަރާވަޑައިގަތެވެ. ރަސޫލާ(ސ.އ.ވ) ދަރިކަލުން ދުރު ނުކުރައްވައި، ކެތްތެރިވެވަޑައިގެން ގިނައިރު ސަޖިދައިގައި އޮންނެވިކަން އެނގެން އެބައޮތެވެ. މިކަމުންވެސް އެނގެނީ، އަހަރުމެންނަށް އުނދަގޫވާ، ރުޅި އަންނަ ނުވަތަ ހިތްހަމަނުޖެހޭ ކަންކަން ދަރިންގެ ފަރާތުން ފެނުނަސް، އެކަންކަމާމެދު ރުޅި އިސްކުރަން ނުވާނެ ކަމެވެ.

 

މަސްދަރު: ހެލްތު ލައިން، އެބައުޓް އިސްލާމް