އުމްރާއިން އެނބުރި އަންނައިރު ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ

މިދިޔަ ސްކޫލް ބަންދާ ދިމާކޮށް އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ގިނަ އަދަދެއްގެ ދިވެހިން އެނބުރި ރާއްޖެ އަންނަން ފަށާފައިވާއިރު، ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން، އެ ފަރާތްތަކުން ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ހާއްސަކޮށް، ރޯގާޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ދިގު މުއްދަތަކަށް ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާ ބައްދަލުނުކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

އުމްރާއިން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުމާއި، ކެއްސުމުގެ އިތުރުން ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ ސީރިއަސް އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދަންޖެހެއެވެ.