ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި ކުރިއަށްގެންދެވި ގަސް އިންދުމުގެ ހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
އިއްޔެ ހަވީރު ކުރިއަށްގެންދެވި މި ހަރަކާތުގައި ރައީސްގެ ދެކަނބަލުން ވަނީ ގަސް އިންދަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންދެވީ ހިތިގަހެވެ.
ގަސް އިންދުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ވަނީ ގަސްއިންދަވާފައެވެ.
5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އުކުޅަހުގައި މިއަދު 19 ގަސް އިންދާފައިވެއެވެ.
އޭގެ ތެރޭގައި، ރުކުގެ އިތުރުން، ކިނބި ގަހާއި، މަދީނާ ގަހާއި މޫނިމާ ގަސް ހިމެނެއެވެ.
ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެއްކަމުގައިވާ، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ، 2024 ވަނަ އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން އިފުތިތާހުކޮށްދެއްވި ޕްރޮގްރާމެކެވެ.
އޭގެ ފަހުން މިއަދާ ހަމައަށް މި ޕްރޮގްރާމްގެ ދަށުން އެކިބާވަތުގެ 1,830,599 ގަސް އިންދާފައިވެއެވެ.
މިއީ، ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދައްކުވައިދޭ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ދަޢުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

