ޤާނޫނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެޓާނީ ޖެނެރަލް އޮފީހުން ކުރިިއަށް ގެންދަން ނިންމި ”އެނގުމަކީ ބާރެއް“ ކެމްޕޭން ލޯންޗްކޮށްފިއެވެ.

މި ކެމްޕޭނަކީ ޔޫއެންޑީޕީ މޯލްޑިވްސްއާ ގުޅިގެން، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މާލީ އެހީތެރިކަމާއެކު ހިންގާ ”އެއިމް ޕްރޮޖެކްޓް“ ގެ ދަށުން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.

”އެނގުމަކީ ބާރެއް“ ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ ގާނޫނީ މަޢުލޫމާތު އާންމުންނަށް ފަސޭހައިން ފޯރުކޮށްދީ، ގާނޫނުތަކަށް އާންމު ރައްޔިތުން އަހުލުވެރި ކުރުވުމެވެ.

އޭޖީ އޮފީހުން ބުނީ،  މިއީ ކޮންމެ މީހަކަށް ވެސް އެމީހެއްގެ ހައްގުތަކާއި މަސްއޫލިއްޔަތުތައް ސާފުކޮށް އެނގި، ދިރިއުޅުމުގެ ތަފާތު ކަންކަމުގައި އިތުބާރާއެކު ނިންމުންތައް ނިންމުމުގެ ގާބިލުކަން ހޯދައި ދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ކެމްޕޭނެއް ކަމަށެވެ.

މި ކެމްޕޭނުގެ ދަށުން ސޯޝަލް މީޑިއާގެ އިތުރުން، އާންމުންނާ ހަމައަށް ސީދާ މަޢުލޫމާތު ފޯރުކޮށް ދިނުމުގެ ތަފާތު ހަރަކާތްތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށްގެން ހޭލުންތެރި ކުރުމުގެ އިވެންޓްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވެއެވެ.