ދިޔަ ވަމުން ދިޔަ ސަޕްލައި ދޯންޏެއް ސަލާމަތްކުރަން އުޅެނިކޮށް ގެއްލުނު ތިން މީހުން ހޯދުމަށް ރާއްޖެއާ ގާތް ގައުމުތަކުގެ އެހީ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
”ފްރެންޑް 4“ ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް މިދިޔަ ބުދަ ދުވަހު ތ. މަޑިފުށިން ފުރައި، ތިލަފުށިން ހިލަ އާއި ހިލަވެލި ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް އަޑިއަށްދިޔަ ދިޔައިރު، ދޯނީގައި އަށް މީހަކު ތިއްބެވެ. އޭގެ ތެރެއިން ހަތް މީހަކު ވަނީ ސަލާމަތް ކޮށްފައެވެ.
ނަމަވެސް ދޯނިން ދިޔަ ހިއްކަން އުޅުނު ކައްޕި ގެއްލިފައިވާއިރު، އެ ހާދިސާގައި އެހީތެރިކަން ފޯރުކޮށްދީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހަކު ވެސް ވަނީ ގެއްލިފައެވެ.
އެއީ ނ. މަނަދުއަށް ނިސްބަތްވާ، 33 އަހަރުގެ ސާޖަންޓް އަލީ ނާފިއުއާއި އެމްއެންޑީއެފްގެ 39 އަހަަރުގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދާއި، އަޑިއަށް ދިޔަ ދޯނީގެ ކައްޕި ކަމަށްވާ ތ. މަޑިފުއްޓަށް އުފަން، 35 އަހަރުގެ މުހައްމަދު ހަމްދޫނެވެ.
ފޮރިން މިނިސްޓްރީން ބުނީ، ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އެންމެ އިސްކަންދެނީ ގެއްލުނު މީހުން ހޯދުމަށް ކަމަށާއި، އެ އޮޕަރޭޝަނަށް ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުގެ ފަންނީ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރަމުން އަަންނަ ކަމަށެވެ.
އެ މިނިސްޓްރީން ވަނީ، ލިބެން ހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ކޮށްގެން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް މެދުކަނޑާނުލާ ކުރިއަށްދާ ކަމުގެ ޔަގީން ދީފައެވެ.

